Advertisement
ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 16:41
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު (ކ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު (ކ) އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް
ސަރުކާރުން އުޅެނީ ބަދަލު ހިފަން: އިލްހާމް
ރައީސް ސޯލިހަކަށް ވައުދެއް ނުފުއްދުނު: ލަތީފު
އެމްޑީޕީން މަޖިލިސް އިންތިހާބު ވަގަނަށް ނަގައިފި: އަދުރޭ

ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހާ އެކު، އެމްޑީޕީ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބަހުސް ހޫނުވެގެން ދިޔައީ ފަނޑިޔާރުންގެ ގާނޫނަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވި ބިލުގެ މަރުހަލާތައް ފުރިހަމަނުކޮށް، ބިލުގެ ބަހުސް ފެށުމުންނެވެ. ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން ބުދަ ދުވަހުގެ ޖަލްސާއަށް އިއްވައި، ހަމަ އެ ދުވަހު އެ ބިލުގެ ބަހުސް ފައްޓަވާފައެވެ.

އެކަމާ ދެކޮޅަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އީވާ ވިދާޅުވީ އަވަސް އަރުވައިގެން، ބިލުތަކެއް ފާސްކުރިޔަސް، އަލަށް އަންނަ މަޖިލީހުން އެކަން އިސްލާހު ކުރާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ މެމްބަރުންނަށް ބިލު ކިޔާލުމަށް ފުރުސަތު ނުދީ، ބިލުގެ ދެ ކިޔުން އެއްކޮށްލައިގެން ކުރިއަށް ގެންދަނީ ރަނގަޅު މަގުސަދުގައި ނޫން ކަމަށެވެ.

"18 ވަނަ ރައްޔިތުންގެ މަޖިލިސް ނިންމާލާ ހިސާބަށް ދާއިރު، މަނިކުފާނު ވަކިން ހާއްސަކޮށް އިސްވެ ހުންނަވައިގެން ކުއްލިއަކަށް ދެ ކިޔުން އިއްވައި ކުރިއަށް ގެންދަވަނި ރަނގަޅު މަގުސަދުގަ ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ކުރެވޭ މަސައްކަތެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެން ކަމުން މި މަސައްކަތް ކުރިއަށްދާ ގޮތަށް އަޅުގަނޑު އިންކާރު ކުރަން،" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީ މެމްބަރުންނަށް ރައްދު ދެއްވައި އިދިކޮޅު މެމްބަރުންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ބަހެއް މެމްބަރުން މަޖިލީހުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ މަޖިލީހުން އަދާ ކުރަނީ މަޖިލީހުގެ ޒިންމާ ކަމަށާއި އާ މަޖިލީހުން ގާނޫނު ބަދަލުކޮށްފާނެތީ ބިރު ނުގަންނަ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަޖިލީހަށް ގިނަ ބިލުތައް ހުށަހަޅާފައި ވަނީ ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.

"މި މަޖިލީހަށް މިހާތަނަށް ސަރުކާރުން ހުށަހެޅި ހުރިހާ ބިލެއް އޮތީ ކޮމިޝަންތަކާއި ބަދަލު ހިފުމުގެ ރޫހުގައި ހުށަހަޅާފައި ހުރި ބިލުތަކެއް. މަސްވެރިންނަށް ވެސް އޮތީ ބަދަލު ހިފުމުގެ ރޫހު ނަސީބަހުން އެ ވެސް ގެންގޮސްފި. ކިޔުއްވަ ބައްލަވާ ރައްޔިތުންނާ ގުޅޭ ކިތައް ބިލުތޯ މި ސަރުކާރުން ހުށަހެޅީ. މުޅިން އޮތީ ކޮމިޝަން ކޮމިޝަން، ބަދަލު ހިފުމުގެ ރޫހު،" ރައީސް ޔާމީންގެ ތާއިދާ އެކު، އުނގޫފާރު ދާއިރާއަށް ވާދަ ކުރައްވައި، މަޖިލިސް އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އިލްހާމް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވެސް މަޖިލީހުގައި ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ސޯލިހު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށް ފާހަގަ ކުރައްވައި ލަތީފު ވަނީ ސަރުކާރު ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ.

"އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދު ނުފުއްދާ ވާހަކަ ވަރަށް ހިތާމައާއެކު ދަންނަވަން މި ސަރުކާރު ހިންގަމުން މިދަނީ ހިންނަވަރު ފަޅުތެރޭގައި އަޅާފައި އޮތް ވަކަރު ދޯންޏެއްގައި ޓޫޓީ އިންޖޫނު އަޅައިގެން ހިންގާ ސަރުކާރެއް ގޮތަށް. މި ސަރުކާރެއް ނުހިނގާ. އިބްރާހިމް މުހައްމަދު ސޯލިހު ވީ ވައުދެއް ނުފުއްދާ. ހަރު އަޑުން ބާރު އަޑުން ގަދަފަދަ އަޑުން މި ދަންނަވަނީ މި ސަރުކާރުން ވައުދެއް ނުފުއްދާ،" މެމްބަރު ލަތީފު ވިދާޅުވިއެވެ.

ފަނޑިޔާރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ މެމްބަރުން ވަނީ ރިޔާޒު ހުށަހެޅި ބިލަށް ތާއިދު ކުރައްވައި، ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވިއެވެ.

"މަޖިލިސް އިންތިހާބުގައި ވަގަށް ނަގައިގެން ގޮނޑި ހޯދީ. ވަރަށް ކެރިގެން މި ދަންނަވަނީ މަޖިލީހުގެ އިންތިހާބު ވަގަށް ނެގީ. އޮޅާލީ. މިއީ ހަގީގަތް،" އަބްދުއްރަހީމް ވިދާޅުވިއެވެ. 

"އަޑަށް ބާރުލާފައި ވަރަށް ގިނަ މެމްބަރުން އެބަ ވިދާޅުވޭ، ކޮން އިނާޔަތެއްހޭ ބޮޑު ކުރަން އިއުޅެނީ. ހާއްސަކޮށް އަންނަ ދައުރަށް ހޮވިފައި ތިބި އެމްޑީޕީގެ މެމްބަރުން. މުސާރަ ކުޑަކޮށްލަ ދެއްވާ... އިނާޔަތްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލީމަ 15،000 ރުފިޔާއަށް ކުޑަކޮށްލަ ދެއްވާ. ނުކުރޭނެ އިއްޒަތްތެރި ރައީސް،" ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 އޭޕްރިލް 2019 | ބުދަ 19:14
wahumadulw
Dhera kamen fahu vaguthuves amilla beynumeggatha?
24 އޭޕްރިލް 2019 | ބުދަ 17:18
ދޮންބެ
Gubo thakeh dho mee