Advertisement
ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 12:57
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ކުރީގެ މެމްބަރުންނަށް އިތުރު އިނާތް ދޭން މުސްތަފާ ހުށަހެޅުއްވި ބިލު ނަގަން ނިންމަވައިފި
އެކަން އިއުލާން ކުރީ މަޖިލީހުގެ ބަހުސްގައި
އަޅުގަނޑު އިނާޔަތެއް ބޭނުމެއް ނުވޭ: މުސްތަފާ
ރައްކާތެރިކަމާއި އިނާޔަތް ދެއްވަނީ މާތްﷲ: މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިތުރު އިނާޔަތް ދިނުމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ހުށައެޅުއްވި އިސްލާހު ނަގަން ނިންމަވައިފިއެވެ.

އެ އިސްލާހު ނަގަން ނިންމެވިކަން މުސްތަފާ އިއުލާން ކުރެއްވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

މުސްތަފާ ހުށައެޅުއްވި ބިލަކީ ކުރީގެ މެމްބަރުންނަށް އެއާޕޯޓް ވީއައިޕީގެ ހިދުމަތް ލިބޭނެ ގޮތަށް ހުށަހެޅުއްވި ބިލެކެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރާށެވެ. އެއިސްލާހު މަޖިލީހަށް މުސްތަފާ ހުށައެޅުއްވީ ހޯމަ ދުވަހުއެވެ.

ބުދަ ދުވަހު ވާހަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ އެއްވެސް ހިމާޔަތަކާއި ރައްކާތެރި ކަމެއް ބޭނުންވެ ނުލައްވާ ކަމަށެވެ. އަދި އޭނާ ހުށައެޅުއްވި ބިލް އަނބުރާ ނަންގަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް މެމްބަރަކަށް އިނާޔަތް ލިބުމަށް ދެކޮޅު ނުހައްދަވާ ކަމަށާއި ހަމައެކަނި ދެކޮޅު ހައްދަވަނީ އޭނާއަށް އިނާޔަތް ލިބުން ކަމަށް މުސްތަފާ ވިދާޅުވިއެވެ.

" އަޅުގަނޑު ފުރުސަތަކަށް އެދިލެއްވި ހަމައެކަނި ބޭނުމަކީ އަޅުގަނޑު ހުށައަޅާފައިވާ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ހުށައަޅާފައިވާ ބިލު މިއަދު ނަގާނެ ކަމަށް ދިވެހި ރައްޔިތުންނަށް އަޑު އިއްވާލަންވެގެން. އަޅުގަނޑު ބޭނުމެއް ނޫނޭ އެއްވެސް ހިމާޔަތެއް އަދި ރައްކާތެރިކަމެއް ބޭނުމެއް ނޫން. ހިމާޔަތާއި ރައްކާތެރިކަން މާތްﷲ ދެއްވާފައި އޮތީ. ފަސްވަގުތު ނަމާދު ކުރަން. އެއަށް ވުރެ މޮޅު ރައްކާތެރިކަމަކާއި ހިމާޔަތެއް ލިބިފައެއް ނެތް" މުސްތަފާ ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބެންޖެހޭ ގޮތަށް އިސްލާހު ހުށައެޅުއްވުމަށް ފަހު މުސްތަފާ ވިދާޅުވެފައި ވަނީ މަޖިލިސް މެމްބަރުންނަކީ ދައުލަތަށް އެތަކެއް ހިދުމަތެއް ކޮށްފައިވާ ފަރާތްތަކަކަށް ވާތީ އަބުރުވެރި ކަމާއި ޝަރަފުވެރިކަމާއެކު މުޖުތަމައުގައި އުޅުމުގެ ފުރުސަތު ލިބިދިނުމެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ހަތަރު ބިލެއް މިހާތަނަށް ވަނީ ހުށައަޅާފައެވެ. އެއީ މުސްތަފާ ހުށައެޅުއްވި އިސްލާހުގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ހުށައެޅުއްވި މެމްބަރުކަން ކުރެއްވި ބޭފުޅަކު ސަރުކާރުގެ ވަޒީފާ އަދާކުރި ކަމުގައި ވިއަސް އިނާޔަތް ލިބޭނެ ގޮތަށް އިސްލާހު ކުރުމަށް  ހުށައެޅި އިސްލާހާއި އިތުރުން މެމްބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓު ހަމަޖައްސައިދޭން ހުށަހެޅުއްވި ބިލާއި މެމްބަރުކަމުން ވަކިވާ ހިސާބުން މެމްބަރުންނަށް މާލީ އިނާޔަތް ލިބޭގޮތަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅުއްވި ދެބިލެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް