މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ވެރިކަމުގެ ދައުރު 2030 ގެ ނިޔަލަށް ދިގުދަންމާލެވޭ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހާމެދު ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ބޮޑު އަޣުލަބިއްޔަތަކުން އެ އިސްލާހަށް ތާއީދުކޮށްފިއެވެ.
ނެޝަނަލް އިލެކްޝަން އޮތޯރިޓީން ބުުނީ ވޯޓުލީ މީހުންގެ ތެރެއިން 88.8 އިންސައްތަ މީހުން އެ އިސްލާހަށް ތާއީދުކޮށްފައިވާކަމަށެވެ. ވޯޓުލުމަށް ނުކުތް މީހުންގެ ނިސްބަތަކީ 44.3 އިންސައްތައެވެ.
އޭޕްރީލް މަހުގެ 20ން 22އަށް ދެމިގެންދިޔަ މި ވޯޓް އޮންނާނެކަން އިއުލާނު ކޮށްފައިވަނީ ރައީސް ސީސީގެ ވެރިކަމުގެ މިހާރު ހިނގަމުންދާ ދައުރު 2024ގެ ނިޔަލަށް ދަންމާލައި އަދި ހަ އަހަރުގެ އިތުރު ދައުރަކަށް ކުރިމަތިލައްވައި 2030ގެ ނިޔަލަށް ވެރިކަމުގައި ހުންނެވޭނެ ފަދަ ގޮތަކަށް ގާނޫނުހަދާ މަޖިލީހުން ގާނޫނު އަސާސީއަށް ބަަދަލުގެނައިތާ އެއް ދުވަހުގެ ތެރޭގައެވެ.
ޖުމްލަ 536 މެމްބަރުން ތިއްބަވާ މިސްރުގެ ގާނޫނު ހަދާ މަޖިލީހުގައި ސީސީއަށް ތާއީދުކުރައްވާ 531 މެމްބަރުން ތިއްބަވާއިރު މި ހުށަހެޅުންވަނީ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ.
ވެރިކަމުގެ ދައުރު ދަންމާލެވުމުގެ އިތުރުން ގާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކާއެކު އަސްކަރިއްޔާއަށް ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވި ޖުޑިޝަރީގެ މައްޗަށް ސީސީއަށް އިތުރު ނުފޫޒު ފޯރުވޭނެއެވެ.
ސީސީއަށް ވޯޓުން ވެރިކަމުގެ ބާރުތައް ލިިބިވަޑައިގެންްފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ އަހަރެއް ކުރިން، އެ ގައުމުގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސް މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލެވުނު ބަޣާވާތުގެ ވެރިއަކަށް ހުންނެވީ މުރުސީއެވެ. އެ ބަޣާވާތަށް ފަހު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބުްރަދަރހުޑް ޕާޓީއަކީ ވެސް މިސްރުގައި މަނާކުރެވިފައިވާ ޕާޓީއެކެވެ.
އުމުރުފުޅުން 64 އަހަރުފުޅުގެ މުރުސީ ދެ ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވަނީ 2018 ވަނަ އަހަރުގެ މާރިޗް މަހުއެވެ.
ހައްޔަރު ކުރުމާއި ބިރު ދެެއްކުމުގެ ސަބަބުން އެތައް ކެނޑިޑޭޓުންނެއް ކެނޑިޑެސީ އަނބުރާ ގެންދިޔަ އެ އިންތިޚާބު އެ ގައުމުގެ އެތައް ބަޔަކު ބޮއިކޮޓް ކޮށްފައިވަނިކޮށް ނެގުނު ވޯޓްގައި ސީސިއަށް 97 އިންސައްތަ ލިބިވަޑައިގެންނެވި ކަމަށް އިއުލާނު ކޮށްފައިވެއެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެންމެ ކެނޑިޑޭޓަކަށް ކަމަށްވާއިރު އެއީވެސް ސީސީއަށް ތާއީދުކޮށް އިވެންޓްތައް ބޭއްވުމަށް އުޅެފައިވާ ސީސީގެ އަރިސް ބޭފުޅެކެވެ.
ފާޑުކިޔާ ފަރާތްތަކުން ބުުނަމުންދަނީ މިސްރުގެ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލުތަކަކީ ރައީސް ހުސްނީ މުބާރަކްގެ ތިރީސް އަހަރުގެ ވެރިކަން ވައްޓާލައި ޑިމޮކްރަސީ ގާއިމް ކުރުމަށް ނުކުތްތާ އަށް އަހަރު ފަހުން އަނެއްކާވެސް ޚުދުމުޚުތާރު ކަމަށް ގޮސް ފަހަތަށް އެޅޭ ފިޔަވަޅެެއް ކަމަށެވެ.
ސީސީގެ ސަރުކާރުން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދުއްތުރާ ކުރާކަމުގެ ތުހުމަތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ކެނޑިނޭޅިދަނީ ފާޑުކިޔަމުންނެވެ.