ކ. މާލެ
|
24 އޭޕްރިލް 2019 | ބުދަ 00:07
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ޗާޗެއް
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި ގެއްލުން ލިބުނު ޗާޗެއް
ރޮއިޓަރސް
ލަންކާގައި ދިން ބޮމުގެ ހަމަލާ
ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
ވީޑިއޯގައި ތިބި މީހުން ވަނީ އަބޫ ބަކުރު އަލް ބަގްދާދީއަށާއި އައިސިސްއަށް ބައްޔަތު ހިފާފައި
ނެޝަނަލް ތައުހީދު ޖަމާއަތުގެ ޒަހްރާން ހާޝިމް ވެސް ވީޑިއޯއިން ފެނޭ

ލަންކާގައި މިދިޔަ އާދިއްތަ ދުވަހު ޖާނުން ފިދާވެގެން ދިން ނުރައްކާތެރި ބޮމުގެ ހަމަލާތަކުގެ ޒިންމާ ހަރުކަށި އިސްލާމީ ފިކުރުގެ ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) އިން ނަގައިފިއެވެ.

އައިސިސްގެ ނޫސް ފަތުރާ މަސްދަރެއް ކަމުގައިވާ އަމާގް ނިއުސް އެޖެންސީން ވަނީ މި ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ މީހުން، އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގްދާދީއަށް ބައްޔަތު ހިފާ ވީޑިއޯއަކާއި އެކު މި ހަމަލާގެ ޒިންމާ އެ ޖަމިއްޔާއިން ނަގާކަމަށް ބުނެފައެވެ.

އަމާގް ނޫސް އެޖެންސީއިން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މި ހަމަލާގެ މޭސްތިރިކަމަަށް ބޭރުގެ މީޑިއާތަކުން ކުރިން ވެސް ރިޕޯޓްކޮށްފައިވާ ޒަހްރާން ހާޝިމްއާއި އެކު އިތުރު 7 މީހަކު އައިސިސްއަށް  ބައްޔަތު ހިފާ މަންޒަރެވެ. ޒަހްރާން ހާޝިމް ބަޑިއެއް ހިފައިގެން މޫނު ނިވާ ނުކޮށް ހުރި އިރު، ވީޑިއޯގައި ދެން ތިބި އެންމެން ވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. އެ މީހުންގެ ފަހަތުގައި އައިސިސްގެ ހަނގުރާމަވެރިން ބޭނުންކުރާ ކަޅު ދިދަ ހުރިއެވެ.

ހަމަލާގެ މޭސްތިރި ކަމަށް ބުނާ ޒަހްރާން ހާޝިމްއަކީ ލަންކާގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމުގައިވާ "ނެޝަނަލް ތައުހީދު" ޖަމާއަތަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދީނީ ފަތުވާ ދީފައިވާ ފަރާތެއް ކަމަށް ވެސް ލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އޭނާ ވެސް ވަނީ ޖާނުން ފިދާވުމުގެ ހަމަލާގައި އަމަލީ ގޮތުން ބައިވެރިވެ، ޝަންގްރީލާ ހޮޓެލްއަށް ދިން ހަމަލާގައި މަރުވެފައި ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް ލަންކާގެ ރަސްމީ އެއްވެސް މަސްދަރަކުން މި ވާހަކަތަކެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އާދިއްތަ ދުވަހު ލަންކާގައި ދިން ޖާނުން ފިދާވުމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 315އަށް އަރާފައިވާ އިރު، 40 މީހަކު މި ހަމަލާތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، މައްސަލައިގެ ތަހުގީގު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް  ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
24 އޭޕްރިލް 2019 | ބުދަ 06:14
އާޝާ
ކޮބާ ވީޑިއޯ ލިންކް