އިންގްލިޝް ޕްރިމިއާ ލީގުގައި ހޯމަ ދުވަހު ކުޅުނު މެޗުން އެއްވަރުވެ ތާވަލުގެ ތިންވަނައަށް ޖެހިލުމަށް ލިބުނު ފުރުސަތު ޗެލްސީން ނަގާލައިފިއެވެ.
ޗެލްސީ އާއި ބާންލީ ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ނެގީ ބާންލީއިންނެވެ. މި ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެފް ހެންޑްރިކްއެވެ.
ހެންޑްރިކްގެ މި ލަނޑާއެކު ޗެލްސީގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ. އެގޮތުން ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 12 ވަނަ މިނެޓުގައި އީޑެން ހަޒާޑްގެ އެހީތެރިކަމާއެކު އެންގޯލޯ ކަންޓޭއެވެ.
ފުރަތަމަ ހާފްގެ ކުރީކޮޅުގައި ޗެލްސީން ވަނީ ބާންލީގެ ފަހަތަށް ބާރުބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ މެޗުގެ 14 ވަނަ މިނެޓުގައި ޗެލްސީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސެސަރ އަޒްޕެލިކުއޭޓާގެ އެހީތެރި ކަމާއެކު ގޮންޒާލޯ ހިގުއެންއެވެ.
ޗެލްސީގެ ދެވަނަ ލަނޑާއެކު ބާންލީން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ޗެލްސީގެ ފަހަތަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ބާންލީން ވަނީ މެޗުގެ 24 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރުވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބި ވަނީ ބޭކާރުވެފައެވެ.
މި ނަތީޖާ އާއިއެކު ޗެލްސީ ތާވަލުގެ ހަތަރު ވަނާގައި އޮތީ ޕޮއިންޓްގެ ގޮތުން ތިންވަނާގައި އޮތް ޓޮޓަންހަމް އާއި އެއްވަރުވެ އެއްމެޗު އިތުރަށް ކުޅެގެންނެވެ. ޗެލްސީ ކުޅުނު 35 މެޗުން 67 ޕޮއިންޓް ހޯދާފައި ވާއިރު، ޓޮޓަންހަމް ވަނީ ކުޅުނު 34 މެޗުން 67 ޕޮއިންޓް ހޯދާފައެވެ. ބާންލީ ތާވަލުގެ 15 ވަނާގައި އޮތީ ކުޅުނު 35 މެޗުން ހޯދި 40 ޕޮއިންޓާއެކުއެވެ.