ފްރެންޗް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ކީލިން އެމްބަޕޭގެ ހެޓްރިކާއެކު ޕެރިސް ސެއިންޓް ޖަރމަން (ޕީއެސްޖީ) ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީ މެޗު ކާމިޔާބު ކުރީ މޮނޭކޯ އާއި ވާދަކޮށް 1-3 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ޕީއެސްޖީ އިންނެވެ. މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ވެސް އެ ޓީމުންނެވެ.
ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ 15 މިނެޓުގައި ކާމިުޔާބު ކޮށްދިނީ މޯސާ ޑިއަބައިގެ އެހީތެރި ކަމާއެކު ކީލިން އެމްބަޕޭއެވެ. މި ލަނޑަށް ފަހުގައި ވެސް ޕީއެސްޖީން ވަނީ މޮނޭކޯގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ.
މެޗުގެ 38 ވަނަ މިނެޓުގައި ޕީއެސްޖީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެ ޓީމުން ވަނީ ލީޑް އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު ޑެނިސް އަލްވޭސްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީލިން އެމްބަޕޭއެވެ.
ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާ އަކުން ޕީއެސްޖީ ލީޑްގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ޕީއެސްޖީގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމުން ވަނީ މޮނޭކޯގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޕީއެސްޖީގެ ތިންވަނަ ލަނޑު ޑެނިސް އަލްވޭސްގެ އެހީތެރި ކަމާއެކު ކީލިން އެމްބަޕޭ ކާމިޔާބުކޮށް ދީ ލީޑް އިތުރަށް ފުޅާ ކޮށްދިނެވެ.
މި ލަނޑާއެކު ކީލިން އެމްބަޕޭ މި މެޗުގައި ހެޓްރިކް ހެދިއިރު، މޮނޭކޯއިން ވަނީ މެޗުގައި އެ ޓީމުގެ ފަރާތުން ފެނިގެންދިޔަ ހަމައެކަނި މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށް ލީޑް ކުޑަކުރުމަށް މަސައްކަތް ކޮށްފައެވެ. މި ލަނޑު ކާލޮސް ވިންސިއަސްގެ އެހީތެރި ކަމާއެކު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެލެކްސެންޑާ ގޮލޮވިން އެވެ. މި ނަތީޖާ އާއިއެކު ފްރެންޗް ލީގުގެ ތާވަލުގެ އެއްވަނާގައި ޕީއެސްޖީ އޮތީ ކުޅުނު 33 މެޗުން ހޯދި 84 ޕޮއިންޓާއެކުއެވެ. ދެވަނާގައި ލިލް އޮތީ 33 މެޗުން ހޯދި 65 ޕޮއިންޓާއެކުއެވެ. 33 މެޗުން ހޯދި 59 ޕޮއިންޓާއެކު ލައިއޮން އޮތްއިރު، މެޗުން ބަލިވި މޮނޭކޯ އޮތީ ތާވަލުގެ 16 ވަނާގައި ކުޅުނު 33 މެޗުން ހޯދި 32 ޕޮއިންޓާއެކުއެވެ.