އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ބަލިވެ، ތާވަލުގެ ތިންވަނައަށް އަރަން ލިބުނު ފުރުސަތު އާސެނަލްއިން ނަގާލައިފިއެވެ.
އާސެނަލް މެޗުން ބަލިވީ ކްރިސްޓަލް ޕެލަސްއާއި ވާދަކޮށް 2-3 ގެ ނަތީޖާ އަކުންނެވެ.
އެމިރެޓްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ އާސެނަލްއިންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަަމަ ލަނޑު ޖަހައި ލީޑް ނެގީ ކްރިސްޓަލް ޕެލަސްއިންނެވެ.
ކްރިސްޓަލް ޕެލަސްގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ލޫކާ މިލިވޮއެއަވިޗްގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށްދިނީ ކްރިސްޓަން ބެންޓޭކްއެވެ. ކްރިސްޓަލް ޕެލަސްގެ މި ލަނޑާއެކު އާސެނަލްއިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރިއެވެ.
ކްރިސްޓަލް ޕެލަސްގެ ފަހަތަށް ބާރުބޮޑުކޮށް، އާސެނަލްއިން ރަނގަޅު ހަމަލާތަކެއްް އުފެއްދި ނަމަވެސް ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވޭ ގޮތްވަނީ ނުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލަސް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން އާސެނަލްއިން ކުޅުން ރަގަޅުކޮށް އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި އެލެގްސެންޑަރ ލަކަޒޭޓްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ މެސުޓް އޮޒިލްއެވެ.
އާސެނަލްގެ ލަނޑާއެކު ކްރިސްޓަލް ޕެލަސްއިން ރަނގަޅު ހަމަލާތަކެއް އުފައްދައި، އާސެނަލްގެ ފަހަތަށް ބާރު ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި ކްރިސްޓަން ބެންޓޭކްގެ އެހީތެރި ކަމާއެކު ވިލްފްރިޑް ޒަހާ ކްރިސްޓަލް ޕެލަސްއަށް ލީޑް ނަގައި ދިނެވެ.
ކްރިސްޓަލް ޕެލަސްގެ ދެވަނަ ލަނޑަށް ފަހުގައި ވެސް އެ ޓީމުން ވަނީ އާސެނަލްގެ ގޯލަށް އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. ކްރިސްޓަލް ޕެލަސްގެ ތިންވަނަ ލަނޑު މެޗުގެ 69 ވަނަ މިނެޓުގައި ޖޭމްސް މެކްއާތަރގެ އެހީތެރިކަމާއެކު ސްކޮޓް ޑެން ކާމިޔާބު ކޮށްދީ ލީޑް އިތުރަށް ފުޅާ ކޮށްދިނެވެ.
އާސެނަލް އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 77 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޕިއަރ އެމެރިކް އޮބަމަޔަންއެވެ.
މި ނަތީޖާ އާއިއެކު އާސެނަަލް ތާވަލުގެ ހަތަރު ވަނާގައި އޮތީ 34 މެޗުން ހޯދި 66 ޕޮއިންޓާއެކުއެވެ. އެއް ޕޮއިންޓް އިތުރަށް ހޯދައިގެން 67 ޕޮއިންޓާއެކު ތިންވަނާގައި ޓޮޓަންހަމް އޮތްއިރު، މެޗުން މޮޅުވި ކްރިސްޓަލް ޕެލަސް ކުޅުނު 35 މެޗުން ހޯދި 41 ޕޮއިންޓާއެކު އޮތީ ތާވަލުގެ 12 ވަނާގައެވެ.