Advertisement
ކ. މާލެ
|
21 އޭޕްރިލް 2019 | އާދީއްތަ 23:04
ސްރީލަންކާގެ ހޮޓެލެއް
ސްރީލަންކާގެ ހޮޓެލެއް
ނިއުސް 18
ލަންކާ ބޮންގޮއްވުން
ސްރީލަންކާގައި ދިން ބޮމުގެ ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި
މި ހިތާމައިގައި އެމްޑީޕީ އޮތީ ލަންކާއާ އެކުގައި ކަމަށް ވަނީ ބުނެފައި
މިއީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއެރުމެއް ކަމަށް އެމްޑީޕީން ބުނޭ

އާދިއްތަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބައެއް ހޮޓާތަކަށާއި އަދި އެ ޤައުމުގެ އެކި ސަރަހައްދުތަކުގައިވާ އަޅުކަންކުރާ ތަންތަނަށް ދީފައިވާ ބޮމުގެ ހަމަލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

މި ހަމަލާ ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ މި ހަމަލާދީފައި ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބޭ ކޮލޮމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ކަމަށް ވެފައި އަދި އާދިއްތަ ދުވަހަކީ ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭ ކަމަށް ވެފައި ގިނަ އަދަދެއްގެ ކްރިސްޓިއަނުން އަޅުކަން ކުރަމުން ގެންދިޔަ ވަގުތެއްގައި އަޅުކަންކުރާ އެ ތަންތަނަށް ކަމަށް ވުމުން އެ ޙަމަލާއަކީ ރޭވިގެން ހިންގާފައިވާ ލާއިންސާނީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް  އެޕާޓީން ދެކޭ ކަމަށެވެ.

އަޅުކަންކުރާ ތަންތަނަށް ޙަމަލާދީ، އިންސާނިއްޔަތާ ޚިލާފު މިފަދަ ޢަމަލުތައް ހިންގުމުގެ ނަތީޖާއަކަށް ވާނީ މުޖްތަމަޢުގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްޙަމަސަލަސްކަން ގެއްލި ދިޔުން ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މިއީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއެރުމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ސްރީލަންކާއަކީ ދިވެހީން އާންމުކޮށް ޒިޔާރަތްކުރާ އަވަށްޓެރި ޤައުމަކަށްވެފައި، ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހީންނާ އެހާމެ ގާތް ގުޅުމެއް އަބަދުމެ އޮންނަ ރައްޔިތަކަށްވީ ހިނދު، އެ ޤައުމަށާއި ރައްޔިތުންނަށް ލިބިފައި އެވާ ފުން ހިތާމައިގައި އެމްޑީޕީ އޮތީ އެރައްޔިތުންނާ އެކުގައި ކަމުގައެވެ.

 އެޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް މި ޕާޓީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް އެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް ވެދޭނެ ކަމުގައި ފުރިހަމަ ޔަޤީންކަން ވަނީ އަރުވާފައެވެ.

މި ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަޤްޞަދެއް ޙާޞިލުކުރުމަށް ހިންގި ޢަމަލެއް ކަމުގައި ވިޔަސް، އެ ޢަމަލަކީ އެއްވެސް ޙާލަތެއްގައި އެޕާޓީ ބަލައިގަންނާނޭ ޢަމަލެއް ނޫން ކަމުގައި ބަޔާނުގައި ވެއެވެ.

މި ހަމަލާގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުނަށްވަނީ އަނިޔާ ލިބިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް