ޕްރިމިއާ ލީގުގައި ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް އެވަޓަން ކުރި ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑާ ވާދަކޮށް އެވަޓަން އިން މެޗު ކާމިޔާބުކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެވަޓަން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 13 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރިޗަޑްސަންއެވެ. މި ލަނޑަށް ފަހު ވެސް އެވަޓަންއަށް ވަނީ ލަނޑު ޖެހުމަށް ހުސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
އެވަޓަންއިން ލީޑު ފުޅާކުރީ 28 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސިގަޑްސަންއެވެ. ފުރަތަމަ ހާފްގެ ފަހުކޮޅު ވެސް އެވަޓަންއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ހާފްގައި ޔުނައިޓެޑަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތުތަކެއް ނުލިބެއެވެ. ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޔުނައިޓެޑުގެ މައްޗަށް އެވަޓަން ކުރީގައި އޮވެގެންނެވެ.
That smile. That strike. That left foot.
— Everton (@Everton) April 21, 2019
That guy is our left back! @LucasDigne #EFCMatchday pic.twitter.com/rL3zubYCUu
ދެވަނަ ހާފް ފެށިގެން ވެސް އެވަޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، އެޓީމުން ވަނީ 56 ވަނަ މިނެޓުގައި ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިގްނޭއެވެ.
އެވަޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ 64 ވަނަ މިނެޓުގައެވެ. މި ލަނޑު ސިގަޑްސަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ތިއޯ ވޮލްކޮޓްއެވެ. މި ލަނޑަށްފަހުވެސް އެވަޓަންއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާ އެކު އެވަޓަންއަށް ވަނީ ކުޅުނު 35 މެޗުން ލިބުނު 49 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ. މެޗުން ބަލިވި ޔުނައިޓެޑު އޮތީ ކުޅުނު 34 މެޗުން ލިބުނު 64 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.
މިއާއެކު ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު ލިބި، ޔުނައިޓެޑުން ވަނީ އެ ފުރުސަތުގެ ނަގާލާފައެވެ. މިއާއެކު އާސެނަލް އާދީއްތަ ދުވަހުގެ ރޭ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު ބަލިވިޔަސް ހަތަރުވަނައިގައި ހަމަޖެހިލެވޭނެއެވެ. އަދި މޮޅުވެއްޖެނަމަ ތިންވަނައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ.