Advertisement
ކ. މާލެ
|
21 އޭޕްރިލް 2019 | އާދީއްތަ 18:47
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)
ރާއްޖެއެމްވީ
ސްރީލަންކާ - ރާއްޖެ
ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ރާއްޖެއަށް ނުރައްކަލެއް އޮތް ކަމަށް އަދި ފާހަގައެއް ނުވޭ

ސްރީލަންކާގެ އެކި ސަރަހައްދުތަކަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގެ އެކި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ވަރުގަދަކޮށްފިއެވެ.

ލަންކާގައި ދިން ހަމަލާތަކާއި ގުޅިގެން މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތައް ކުރިން ބަލަހައްޓަމުންދާ މިންވަރަށްވުރެ އިތުރަށް ބަލަހައްޓަން ފެށިކަން އިއުލާން ކުރީ ސިފައިންނާއި ފުލުހުން ގުޅިގެން ބަންޑާރަކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. އެ ޕްރެސް ކޮންފަރެންސް ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލެވެ.

ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނީ އެއާޕޯޓުތަކުގައެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި އައްޑޫ ސިޓީ، ގަން އިންޓަނޭޝަންނަލް އެއާޕޯޓާއި ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ސަލާމަތީ ފިޔަވަޅު ވަރުގަދަކޮށްފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވިއެވެ.

ސީޕީ ހަމީދު ވިދާޅުވީ ލަންކާގައި ދިން ސިލްސިލާ ބޮން ގޮއްވުމުގެ ހަމަލާތަކާ ގުޅިގެން އެއްވެސް ނުރައްކަލެއް ރާއްޖެއަށް މިވަގުތު އޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި މި ހަމަލާތަކާއި ގުޅޭގޮތުން ލަންކާގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން އެޤައުމުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ހަމީދު ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ވަގުތުން ވަގުތަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އެގޮތުން ކަމާއި ގުޅޭ އެކިއެކި މުއައްސަސާތަކާއި، ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ނަޞާރާއިން ފާހަގަކުރާ އީސްޓަރ އާއި ދިމާކޮށް، ލަންކާގެ އެކި ހިސާބުތަކުގައިވާ އީސާއީ ފައްޅިތަކާށާއި، އީސްޓަރ ފާހަގަކުރުމަށް ހެނދުނުގެ ނަސްތާ ބާއްވަމުންދިޔަ ބޮޑެތި ޓުއަރިސްޓް ހޮޓާތަކަށް ހަށި ގޮއްވައިގެންނާއި އެހެން ގޮތްގޮތުން ދިން 8 ހަމަލާގައި މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެ، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޖަމާއަތަކަށް ނިސްބަތްވާ 7 މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު، ލަންކާގައި ކަރފިއު އިޢުލާނުކޮށް، ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް އެ ޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން ދަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް