ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ބަލިކޮށް މެންޗެސްޓާ ސިޓީން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗު ސިޓީއާ ވާދަކޮށް ޓޮޓެންހަމުން މެޗު ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސާޖިއޯ އަގުއެރޯގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފޮޑެންއެވެ. މިއީ އޭނާ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި ލަނޑާ އެކު ޓޮޓެންހަމުން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
މި ހާފްގައި ސިޓީއަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ކެވިން ޑިބްރޭނާއަށް ލިބުނު ހުސް ފުރުސަތުތައް ހިމެނެއެވެ.
ދެވަނަ ހާފް ފެށިގެން ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖެހުމަށް ދެޓީމަށްވެސް ވަނީ ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ސިޓީ އޮތީ ކުޅުނު 34 މެޗުން ލިބުނު 86 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޓޮޓެންހަމް އޮތީ ކުޅުނު 34 މެޗުން ލިބުނު 67 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.
މިދިޔަ ބުދަ ދުވަހު ޓޮޓެންހަމުން ވަނީ ސިޓީ ކަޓުވާލުމަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.