ޔުއެފާ ޔޫރޮޕާ ލީގުގައި ޗެލްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗު ޗެލްސީން ކާމިޔާބު ކުރީ ސްލާވިއާ ޕްރާގްއާ ވާދަކޮށް 3-4 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެގެންނެވެ.
އެގޮތުން ޗެލްސީ ސެމީއަށް ދަތުރުކުރީ 3-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އޮލިވާ ޖިރޫގެ އެހީތެރިކަމާ އެކު ކާމިޔާބު ކުރީ ޕެޑްރޯ ރޮޑްރިގޭޒެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު ނުވަ ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މި ލަނޑަކީ ސްލާވިއާ ޕްރާގްގެ ސައިމޮން ޑެލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުން ތިން ވަނަ ލަނޑު 17 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، މި ލަނޑު ޖެހީ ޖިރޫއެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ސްލާވިއާ ޕްރާގްއިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސޯސެކްއެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ޕެޑްރޯ ވަނީ ޗެލްސީއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
ދެ ވަނަ ހާފު ފެށިގެން ސްލާވިއާ ޕްރާގްއިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، 51 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ޕީޓާ ސެވްސިކްގެ ލަނޑުން ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އަދި ތިން މިނެޓު ފަހުން ސެވްސިކް ވަނީ ސްލާވިއާ ޕްރާގަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
އެ ނަތީޖާއާ އެކު ސެމީގައި ޗެލްސީ ބައްދަލު ކުރަން ޖެހޭނީ ފްރެންކްފާޓްއާއެވެ. އެ މެޗު އޮންނާނީ އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުއެވެ.