އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ މޯހަން ބާގަން ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ކްލަބް ވެލެންސިއާ އިންޑިއާގެ ކަލްކަތާއަށް ފުރައިފި އެވެ.
ވެލެންސިއާ އަދި މޯހަން ބާގަން ބައްދަލުކުރާ މެޗު އަންނަ އަންގާރަ ދުވަހު ކުޅޭއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ރާއްޖޭގައި ނިމިގެންދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެގޮތުން ރަށުން ބޭރުގައި ވެލެންސިއާ ކުޅޭ މެޗުން އެޓީމު ދެ ލަނޑުގެ ތަފާތުން ކާމިޔާބުކުރަން ޖެހޭނެއެވެ.
ވެލެންސިއާ އަދި މޯހަން ބާގަން ރާއްޖޭގައި ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ގްރޫޕް ސްޓޭޖަށް ދިއުމުގެ އުންމީދު ވަރަށް ބޮޑު ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި ކުޅުނު މެޗުން އެއްވަރުވުމުން އިންޑިއާގައި ކުރަންޖެހޭ މަސައްކަތް ތިން ގުނަ އިތުރުވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ފެސްކޯ ބުނީ މެޗަށް ނިކުންނާނީ މޯހަން ބަގާންއަކީ ވަރުގަދަ ޓީމެއް ކަމަށް ދެކިގެން ކަމަށާއި، މެޗަށް ނިކުންނާނީ ރަނގަޅު ކުރަންޖެހޭ ކަންތައް ރަނގަޅު ކުރުމަށްފަހު ކަމަށެވެ.
ވެލެންސިއާ އަދި މޯހަން ބަގާންގެ މެޗުގެ އެގްރިގޭޓް ނަތީޖާއިން މޮޅުވާ ޓީމު ވާދަ ކުރާނީ އޭއެފްސީ ކަޕް ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ރާއްޖޭގެ މާޒިޔާގެ އިތުރުން ބަނގުލަދޭޝްގެ ޗެމްޕިއަން ޑާކާ އަބާނީ ލިމިޓެޑް އާއި އޭއެފްސީ ކަޕްގެ އެންމެ ފަހުގެ ރަނާޒްއަޕް އިންޑިއާގެ ބެންގަލޫރު އެފްސީއެވެ.