އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު 16 އަހަރުން ދަށުގެ އަންހެންބައިގެ މެޗުތައް ކ. އަތޮޅު ސްކޫލް، ކ. ގުރައިދޫ ސްކޫލްގެ އިތުރުން ހިރިޔާ ސްކޫލްއިން ކާމިޔާބު ކޮށްފިއެވެ.
ކ. އަތޮޅު ސްކޫލް މެޗު ކާމިޔާބުކުރީ ތާޖުއްދިން ސްކޫލާ ވާދަކޮށް 3-13 ގެ ނަތީޖާ އަކުންނެވެ.
މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް، ރަނގަޅު ޕާސްތަކެއް ދީގެން ކ. އަތޮޅު ސްކޫލްއިން ކުޅުނުއިރު، ތާޖުއްދިން ސްކޫލްއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
ނެޝަނަލް ހޭޑްބޯލް ގްރައިުންޑްގައި ކުޅުނު މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކ. އަތޮޅު ސްކޫލްގެ ރައުނާ ޝިހާމްއެވެ.
ކ. އަތޮޅު ސްކޫލް އަންނަނީ މި މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
ބުރާސްފަތި ދުވަހު ކުޅުނު ދެވަނަ މެޗު ކ. ގުރައިދޫ ސްކޫލުން ކާމިޔާބުކުރީ އަމީނިއްޔާ ސްކޫލާ ވާދަކޮށް 8-20ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗުގައި ކ. ގުރައިދޫ ސްކޫލްގެ ކުޅުންތެރިންގެ ފަރާތުން ހަލުވި ކުޅުމެއް ފެނިގެން ދިޔައިރު އަމީނިއްޔާ ސްކޫލަށް ވަނީ މާއެދެވޭ ހަމަލާތަކެއް އުފެއްދޭ ގޮތްނުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކ. ގުރައިދޫ ސްކޫލްގެ އައިޝަތު އަނާ ފަތުހުއްލާއެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު ތިން ވަނަ މެޗުގައި ވާދަކުރީ ހިރިޔާ ސްކޫލާއި ދަރުމަވަންތަ ސްކޫލެވެ.
މި މެޗު 4-6 ގެ ނަތީޖާ އަކުން ހިރިޔާ ސްކޫލް ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލްގެ ގޯލް ކޯޕަރު މަރިޔަމް ނިޝްފާއެވެ.