ސިއްހީ ނިޒާމް ޒަމާނުއްސުރެ ރޭވިފައި އޮތީ ރައްޔިތުންނަށް ބުރަ އުފުލަންޖެހޭގޮތަށް ކަމަށް ވިދާޅުވެ، އެ ނިޒާމުގައި ހުރި މައްސަލަތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްް ފާހަގަ ކުރައްވައިފި އެވެ.
ހެލްތު މިނިސްޓަރުންގެ މަހާސިންތާ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުން ކުރާ ޝަކުވާތައް ވަރަށް ގިނަ ކަމަށާއި، ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް ވެސް މަދެއް ނޫން ކަމަށެވެ. އަދި މިއަދު ވެސް ރައްޔިތުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ، އެކަށީގެންވާ ޞިއްޙީ ޚިދުމަތްތައް ރަށްރަށުން ލިބެން ނެތުމުގެ ޝަކުވާ އާއި، ޚާއްޞަ ޑޮކްޓަރުންނަށް ދެއްކޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ދުވަހަކު ތިބެންޖެހުން ޝަކުވާ ކަމަށެވެ. އޭގެއިތުރުން ތަމްރީނާއި ތަޖުރިބާ ހުރި މީހުން، ޞިއްޙީ އެއްވެސް ދާއިރާއެއްގައި އެކަށީގެންވާ މިންވަރަށް ނެތުމާއި، އެތެރެކުރެވޭ ބޭހުގެ ކޮލިޓީ ރަނގަޅަށް ނުބެލި، ފެންވަރު ދަށް ބޭސް އެތެރެކުރެވުން ވެސް އެއީ ރައްޔިތުންގެ ބޮޑެތި ޝަކުވާތައް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއިން ކޮންމެ ޝަކުވާއަކާ ގުޅިފައިވާ އެތައް ބައިވަރު ގޮންޖެހުންތަކެއް އެބަހުރި. އެ ހުރިހާ ގޮންޖެހުންތަކެއްގެ އަޞްލަކީ މަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރަން އުޅުން. ރަށްރަށުގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތައް ތަރައްޤީ ކުރުމުގެ ބަދަލުގައި، މާލޭގައި ހުރި ހޮސްޕިޓަލް ތަރައްޤީ ކުރުން."
ރައީސް ވިދާޅުވީ ޑޮކްޓަރަށް ދައްކަން ވިޔަސް، ޓެސްޓެއް ހަދަން ޖެހުނަސް، ރައްޔިތުން މާލެ އަންނަން މަޖުބޫރުވާ ކަމަށާއި، ދެން ދިމާވަނީ އަދި މާ ގޯސް މައްސަލައެއް ކަމަށެވެ. އެއީ އައިޖީއެމްއެޗުން ލިބެންހުރި ޚިދުމަތްތައް، އެކަށީގެންވާ ވަރަށްވުރެ ގިނަ އަދަދެއްގެ ބަޔަކަށް ފޯރުކޮށްދޭން ޖެހުމުން ދިމާވާ މައްސަލަތައް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޒަމާނުއްސުރެ ކަންތައް ރޭވިފައި އޮތީ، ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް ކަމަށާއި، ޖީބަށް ނުކަތާވަރުގެ ޚަރަދުތައް އުފުލަންޖެހޭގޮތަށް ކަމަށް ރައީސ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއީ މިހާރުން މިހާރަށް ހައްލު ބޭނުންވާ މައްސަލަތައް ކަމަށެވެ.
"އަނެއްކަމަކީ، ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ، އަސާސީ ވަސީލަތްތައް ލިބުމުގައި ހުރި ދަތިތައް. ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ޕެނެޑޯލް ގުޅައެއް، ނޫނީ އައި.ވީ ފުޅިއެއްވެސް މި ލިބެނީ، އެތައް ތަނަކަށް ލިޔެގެން، އެތައް މަރުޙަލާއެއް ހުރަސްކޮށްގެން. އަދި އެވެސް އެތައް ދުވަހެއް ފަހުން. މިއިން ކޮންމެ މަރުޙަލާއެއްގެ ތެރޭގައި ކޮރަޕްޝަން އުޅޭ ކަމުގެ ހެކިތައް ފެންނަން އެބަހުރި." ރައީސް ވިދާޅުވިއެވެ.