އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަސައްކަތް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީން) ފަށައިފިއެވެ.
މިމަސައްކަތުގެ ދަށުން އިންޑިއާގެ ޓްރެވަލް ބްލޮގަރުންނާއި ނޫސްވެރިންގެ ގްރޫޕެއް ބުދަ ދުވަހު ވަނީ ރާއްޖެއަށް ގެނެސްފައެވެ.
އެމްއެމްޕީއާރުސީއިން ބުނީ މި ގްރޫޕު ރާއްޖޭގައި މިމަހުގެ 15-20 އާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށާއި އިންޑިއާގެ މަޝްހޫރު ޕަޔޮނިގް ގްރޫޕް އާއި އައުޓްލުކް ޓްރެވަލާސް ގެ ލިއުންތެރިން ހިމެނޭނެ ކަމަށެވެ.
އަދި އިންޑިއާގެ އެންމެ މަޝްހޫރު ޓްރެވަލް ސައިޓު ކަމަށްވާ ސޯލްޓް އެންޑް ސެންޑަލްސްގެ ލިއުންތެރިޔާ ސިންދިގާ ބޯމިން އާއި ޓްރެވަލް ސީރައިޓްސްގެ ލިއުންތެރިޔާ އަރްޗަނާ ސިންގްގެ އިތުރުން ދެޓް ދޭސީ ގާލް ބްލޮގުގެ ލިއުންތެރިޔާ ޕައްލަވީ ޗަތުރުވެދި އާއި އެ ގައުމުގެ ފްރީލާންސް ނޫސްވެރިއެއް ކަމަށްވާ ނިވީ ޝިރިވަންތަވާ ހިމެނެ އެވެ.
އިންޑިއާގެ މީޑިއާ ޓީމުގެ ފޭމް ޓްރިޕުގެ މެންބަރުން ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ ގުރައިދޫ ޕާމްއިން ގެސްޓްހައުސްއަށެވެ. އަދި އަދާރަން ރަންނާޅި، އަދާރަން ހުދުރަންފުށި ސެލެކްޓަށް ދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.
މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ދަތުރުތަކެއް ކަމަށްވާއިރު މިއަހަރުގެ ތެރޭގައި މިފަދަ އިތުރު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖެއާއި އިންޑިއާއި ދެމެދު ޑައިރެކްޓް ފްލައިޓްތައް ބާއްވަން ފެށުމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެއެވެ.
އެމްއެމްޕީއާރުސީއިން ބުނީ މި ދަތުރުތަކުގެ ސަބަބުން އިންޑިޔާގެ މީޑިޔާތައް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެން ދިއުމުން މި މަންޒިލުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ބާއްވާ ތަފާތު ގިނަ ފެއަރތަކުގައި ރާއްޖެއިން ދަނީ ބައިވެރިވެ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.