ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 22:24
ދިވެހި އުފެއްދުންތަކެއް، މައުރަޒުގައި
ދިވެހި އުފެއްދުންތަކެއް، މައުރަޒުގައި
މުހައްމަދު ޝަރުހާން
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު
ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބެނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުން ކަމަށެވެ. އަދި ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އޭގެއިތުރުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީ ވެސް މައުރަޒު ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. 

މިމައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތައް

  • ވަކިވަކިފަރުދުންގެ ދާއިރާ
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  • ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)
  • ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  • ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

އިކޮނޮމިކް މިނިސްޓްރީން ބުނީ، މައުރަޒުގައި ބައިވެރިކުރެވޭނެ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ވާދަކޮށް ވަނަ ހޮވުމުގެ ބައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމެއް ބައިވެރިކުރަން ވާނީ ބައިވެރިވުމަށް އެދޭ ފޯމުގެ ސެކްޝަން 4ގައި ހިމެނޭ ގިންތިތަކުން ގިންތިއެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ. 

އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯރމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް އިން ފެށިގެން 30 ޖޫންގެ 14:00 ގެ ނިޔަލަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިމާރާތުންނާއި، މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް