މަގާމުން ދުރުކުރެވިފައިވާ ސޫދާނުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު ވެރިރަށް ޚަރްތޫމުގައި ހުންނަ ކޮބާރް ޖަލަށް ބަދަލުކުރެވިފައިވާ ކަމަށް ރިޔާސީ ގަނޑުވަރުގެ މަސްދަރުތަކުން ބުނެފިއެވެ.
ކުރީގެ ވަޒީރަކު ވަނީ ރިޔާސީ ގަނޑުވަރުގައި ބަންދުކުރެވިފައި ހުރި ބަޝީރު ކޮބާރް ޕްރިޒަންއަށް ބަަދަލުކުރެވިފައިވާކަން އެސޯސިއޭޓެޑް ޕްރެސްއަށް ކަށަވަރު ކޮށްދީފައެވެ.
ޖަލުގެ ގާޑަކު ވެސް އަލް ޖަޒީރާއަށް ވަނީ އެކަން ކަށަވަރު ކޮށްދީފައި ކަމަށް ވެބްސައިޓްގައި ބުނެފައިވެއެވެ.
"އަންގާރާ ދުވަހުގެ ރޭ ދަންވަރު ވެހިކަލްތަކެއް އައި ... އަހަރެން ދުށިން ރައީސް އުމަރު އަލް ބަޝީރު އަސްކަރިއްޔާގެ އޮފިސަރުންތަކަކާއެކު ގެނެވުނުތަން" ގާޑު ބުންޏެވެ.
ޚަރްތޫމްގައި ހުރި އަލް ޖަޒީރާގެ ރިޕޯޓަރ ބުނެފައިވަނީ މީހުން ހައްޔަރު ކުރަމުންދާކަމާއި ބަޝީރުގެ އަރިސް ބޭފުޅުންތަކެއް ހައްޔަރު ކޮށްފައިވާކަން އެނގޭ ކަމަށެވެ. ނަމަވެސް ރަަސްމީ އެއްވެސް ފަރާތަކުން އެފަދަ ލިސްޓެއް އަދި ހައްޔަރުކުރި މީހުންގެ ނަން ހާމަކޮށްފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
ސޫދާންގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވެރިކަމުގައި ހުރި އުމަރު އަލް-ބަޝީރު ހައްޔަރު ކުރުމަށް ފަހު، އެ ގައުމުގެ އަސްކަރިއްޔާއިން ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެންމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.