ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ "އެފް އޭ ފުޓްސަލް ކަޕް 2019" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
އެފްއޭއެމުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެފްއޭއެމްގެ ފަރާތުން ރާއްޖޭގެ ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކަށް އަމާޒު ކޮށްގެން އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ކްލަބް ޖަމިއްޔާތަކުން މި މަހު 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު އެފްއޭއެމްއަށް ހުށަހެޅުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ގަވައިދު އެފްއޭއެމްގެ ރިސެޕްޝަނުން ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 10:00 އިން 15:00 އަށް ލިބެން ހުންނާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެފްއޭއެމްއިން ބުނީ މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިފައިވާ ކްލަބް، ޖަމިއްޔާ، ޖަމާއަތްތަކަށް ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ފިރިހެން 16 ޓީމަކަށާއި، އަންހެން 8 ޓީމަކަށް ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތައް ހޮވުމުގައި އެފްއޭއެމްގެ މެމްބަރ ކްލަބްތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް 2،000 ރުފިޔާގެ ފީއެއް ނެގުމަށް ނިންމާފައިވާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އަދި ދެވަނަ ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތުގެ ގުރުއަތުލުން އަންނަ މެއި މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ދެވަނަ ހަފްތާގައެވެ.