ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑު ކަޓުވާލައި ބާސެލޯނާ ސެމީފައިނަލުން ޖާގަ ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑާ ވާދަކޮށް ބާސާއިން މެޗު ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ބާސާ ކާމިޔާބު ކޮށްގެންނެވެ.
އެގޮތުން ބާސާ ސެމީއަށް ދަތުރުކުރީ 0-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 18 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލިއޮނެލް މެސީއެވެ.
މި ލަނޑަށްފަހު ވެސް ބާސާގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ 20 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މެސީއެވެ.
Messi + Coutinho #UCL pic.twitter.com/4dHOMfE3cu
— UEFA Champions League (@ChampionsLeague) April 16, 2019
ދެވަނަ ހާފް ފެށިގެން ވެސް ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޔުނައިޓެޑުގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ލަނޑު ޖެހުމަށް ވެސް އެޓީމަށް މާ އެދެވޭ ފުރުސަތުތަކެއް ހޯދިފައެއް ނުވެއެވެ.
ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ 61 ވަނަ މިނެޓުގައެވެ. މި ލަނޑު ޖޯޑީ އަލްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ފިލިޕޭ ކުޓީނިއޯއެވެ. މެޗުގެ ފަހު 10 މިނެޓު ތެރޭގައިވެސް ބާސާއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.
މި ނަތީޖާއާއެކު ބާސާ ސެމީއަށް ދަތުރުކޮށްފައިވާއިރު، އެޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ލިވަޕޫލް އާއި ޕޯޓޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.