Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 16:56
ބިލުގައިވާ ގޮތުން ހުއްދަ ނުނަގާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވޭ
ބިލުގައިވާ ގޮތުން ހުއްދަ ނުނަގާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ނުކުރެވޭ
އަހުމަދު މުހުސިނު
މަސްވެރިކަމާއި ބެހޭ ބިލް
ބިގޭ ހުށައެޅުއްވި މަސްވެރިކަމާއި ބެހޭ ބިލް އަނބުރާ ނަގައިފި
ބިލް އަލުން ހުށައަޅާނީ ރައްޔިތުންގެ ކަނބޮޑުވުންތައް އަޑުއެހުމަށްފަހު އިސްލާހުކުރެވިގެން

ސަރުކާރު ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މަސްވެރިކަމާއި ބެހޭ ބިލް އަނބުރާ ނަގައިފިއެވެ.

މި ބިލް މަޖިލީހަށް ހުށައެޅުއްވީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

މި ބިލް އަނބުރާ ނެންގެވި ސަބަބެއް ކަމަށް ބިގޭ ވިދާޅުވީ، މަސްވެރިކަމަށް ލޯބިކުރައްވާ ބޭފުޅުންނަށް ގޮންޖަހާފައި ބިލެއް ހުށައަޅާ މީހަކަށްވާ ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި ބިލު އަނބުރާ ނެގުމަށް ފަހު ރައްޔިތުން އެދޭ އިސްލާހްތައް ގެންނަވާނެކަމަށެވެ.

މަސްވެރިކަމާއި ބޭހޭ މިނިސްޓްރީއަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ހުށައެޅުއްވި މި ބިލުގައިވާ ގޮތުން ކެއުމަށް ކުރާ މަސްވެރިކަން ފިޔަވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންނެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވަން މަހަށް ދިއުމާއި ކުޅިވަރު ކުޅުމުގެ ގޮތުން ބާއްވާ މަސް ރޭސްތައް ފަދަ ކަންކަން ވެސް ހިމެނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ، މަސްވެރިކަމާއި ބެހޭ ބިލުގައި ފުށުއެރުންތަކެއް އެބަހުރިކަމަށާއި، އެކަންކަން އިސްލާހުކުރުމަށް އެޓާނީ ޖެނެރަލްއާއި އެކު ބައްދަލުވުމަކަށް މާދަމާ ވަޑައިގަންނަވާނެކަމަށެވެ.

"އެއްވެސް ރައްޔިތަކަށް ތަކުލީފެއް ލިބޭ ފަދަ ކަމެއް އަޅުގަނޑުމެން ނުކުރާނަން. ފުށުއެރުން ތަކެއް ހުރިނަމަ އެކަންކަން އިސްލާހުކުރާނަން" ޒަހާ ވިދާޅުވިއެވެ.

ކެއުމަށް ކުރާ މަސްވެރިކަން ފިޔަވާ އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރެވޭނީ މިނިސްޓްރީގެ ޚާއްސަ ހުއްދައެއް ލިބިގެންކަމަށް މި ބިލްގައި ބަޔާންކޮށްފައި ވުމުން އާއްމުން ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެހެން ނަމަވެސް މިހާރުވެސް ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރަނީ އެކަމަށްޓަކައި ނަގަންޖެހޭ ޚާއްސަ ހުއްދައެއް އޮވެގެންނެވެ. އެއީ ބޭރަށް އެ މަސްވިއްކާނަމަ އޮންނަޖެހޭ އުސޫލެވެ.

ރާއްޖޭގައި ބޭރަށް އެކްސްޕޯޓްކުރަން މަސްވެރިކަން ކުރެވޭނީ ހުއްދަ ނަގައިގެންނެވެ. އެކަަމަކު ރާއްޖޭގެ މާކެޓަށް ވިއްކަން ކުރާ މަސްވެރިކަމަށް އެއްވެސް ހުއްދައެއް ނަގާކަށް ނުޖެހެއެވެ. އެކަމަކު އަލަށް ހުށަހަޅާފައިވާ ބިލްގައި ބުނާ ގޮތުން ރާއްޖޭގެ ބާޒާރަށް ވިއްކަން މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ހުއްދަ ނަގަން ޖެހެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމާއި ބެހޭ ގާނޫނަށް ވަނީ 31 އަހަރުވެފައެވެ. އެ ބިލުގައި ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމާއި ހުއްދަ ނުހޯދައި ކުރާ މަސްވެރިކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅުއަޅައި ޖޫރިމަނާ ކުރެވޭނެ އަދަދު ކަނޑައަޅައި ބަޔާންކޮށްފައި އޮވެއެވެ. އެކަމަކު އަލަށް ހުށއެޅި ބިލުގައި ޖޫރިމަނާ ކުރެވޭނެ އަދަދު ކަނޑައެޅިގެން ބަޔާންކޮށްފައެއް ނޯވެއެވެ.

އާ ބިލުގައިވާ ގޮތުން މުނިފޫހިފިލުވުމާއި ކުޅިވަރުގެ ބޭނުމަށް ބާއްވާ "މަސް ރޭސް" ފަދަ އެއްވެސް ހަރަކާތެއް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި އެކަމަށްޓަކައި ފީއެއް ވެސް ނެގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް އޮވެއެެވެ. އަދި އެ ހުއްދަ ދެވޭނީ ގިނަވެގެން 14 ދުވަހުގެ މުހުލަތަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.

ބިލްގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި ބަލަހައްޓައި، ތަރައްގީކުރުމުގެ މަސްއޫލިއްޔަތާއި ބާރުތައް ދޭގޮތަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތަކާއި ބެހޭ ގަވާއިދުތައް ހަދައި ތަންފީޒު ކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަަމާ ބެހޭ ހަރަކާތްތަކާ ބެހޭ ގަވާއިދު ހަދައި ތަންފީޒުކޮށް، ރާއްޖޭގެ ކަނޑާއި އެއްގަމުގައި ކުރާ އެކުއަކަލްޗާއާއި ގުޅޭ ކަންކަން ހިންގައި ކުރިއެރުވުމާއި، ކަނޑުގެ ދިރުންތަކާ މާހައުލު ހިންގައި ބަލަހައްޓައި ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރ ކުރިއެރުވުން މި ބިލުގައި ހިމެނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް