Advertisement
ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 14:20
ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން
ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް 35،000ރ. ދިނުމަށް ފާސްކޮށްފި
އަދީބާއި ވަހީދަށް ފިޔަވައި ހުރިހާ ނައިބު ރައީސުންނަށް އެ ބިލުގައި ހިމެނިފައިވާ އިނާޔަތްތައް ލިބޭ

ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން ފާސްކޮށްފައިވާ ބިލުގައި ބުނެފައި ވަނީ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވެއްޖެ ނަމަ، އެބޭފުޅަކަށް 35،000ރ. ލިބިލައްވާނެ ކަމަށެވެ. 

ނައިބު ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތް ދިނުމަށް އެދި މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. 

މަޖިލިހުގެ ތަޅުމުން އެބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެމްބަރުންގެ ތެރެއިން 32 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް 12 މެމްބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވިއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދިނުމަށް ފާސްކުރިއިރު ނައިބު ރައީސްކަން ކުރެއްވި ފަސް ބޭފުޅަކު މި ވަގުތު ދުނިޔޭގައި އެބަތިއްބެވިއެވެ. ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ނައިބު ރައީސް އަދި ފަހުން ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދާ ހަސަން މަނިކާއި އެމަނިކުފާނު ރައީސް ކަމަށް ވަޑައިގަތުމަށް ފަހު ނައިބަކަށް އައްޔަންކުރެއްވި ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ތިން ނައިބު ރައީސުން ކަމަށްވާ  ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، ދެވަނަ ނައިބު ރައީސް އަހުމަދު އަދީބާއި އެންމެ ފަހު ނައިބު ރައީސް އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ. 

ރައީސް ޔާމީން ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަހުމަދު އަދީބު މިވަގުތު ހުންނެވީ ޖިނާއީ ހުކުމެއްގައެވެ. އެހެންކަމުން އެމަނިކުފާނަށް އެބިލުން ލިބިދޭ އިނާޔަތާއި ރައްކާތެރިކަމެއް ލިބިވަޑައެއް ނުގަންނަވާނެއެވެ.  އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސައިން މަނިކަށް ވެސް އެ ބިލުގެ އިނާޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެއީ ރައީސުންނަށް ލިބިލައްވާ އިނާޔަތް އެމަނިކުފާނަށް ލިބިލައްވާތީއެވެ. 

ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ދައުލަތުގެ ފައިސާއިން އިނާޔަތާއި ރައްކާތެރިކަން މިހާރު ވެސް އަންނަނީ ދެމުންނެވެ. ރައީސްކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 75،000ރ. އަދި ދިރިއުޅޭ ތަނަށް 10،000ރ. ދައުލަތުގެ ބަޖެޓުން ދެއެވެ. މީގެ އިތުރުން ރައީސްކަން ކޮށްފައިވާ ފަރާތްތަކަށް އޮފީސް ޚަރަދުގެ ގޮތުގައި މަހަކު 87،000ރ.  ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް