ކުރީގެ ނައިބު ރައީސް އަހްމަދު އަހްމަދު އަދީބާ ދޭތެރޭ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކުރަމުން ގެންދަނީ ބޭއިންސާފުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅު ހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަމުގެ ބިލް ދިރާސާކުރި ވަގުތީ ކޮމިޓީގެ ރިޕޯޓަށް ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ނައިބު ރައީސުންނަށް ދޭ އިނާޔަތްތަކުގެ ވާހަކަދައްކާއިރު، އަދީބްގެ މަތިން ހަދާން ކުރަންޖެހޭ ކަމަށެވެ. ނައިބު ރައީސަކަށް ލިބެންޖެހޭ އިއްޒަތާއި ގަދަރު އަދީބަށް ލިބެންނުދާ ކަމުގެ ތުހުމަތު މޫސާ ވަނީ ކުރައްވާފައެވެ.
އަދީބާ ދޭތެރޭ ބޭއިންސާފުން އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ދައުލަތުން އަދީބަށް ރަނގަޅު ބޭސްފަރުވާގެ އިންތިޒާމް ހަމަޖައްސައިދީފައިނުވާ ކަމަށާއި، އަދި އިސްތިނުފާގެ ހައްގު ވެސް އޭނާ އަތުން ނިގުޅައިގެންފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހަމަތުކުރެވޭ ހުރިހާ ކަމެއް އަދީބްގެ ބޮލަށް ޖަހައި، ނިންމާލުން އެއީ އިންސާފު ނޫން ކަމަށާއި، އަދީބަށް އިންސާފު ލިބެންޖެހޭނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"އިންސާފު އަހްމަދު އަދީބަށް ވެސް ލިބެންޖެހޭނެ. ބޭސް ފަރުވާ ކުރެވެނީކީ ނޫން. އިސްތިއުނާފް ވެސް ކުރެވެނީކީ ވެސް ނޫން،" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް އިންސާފަށް ވަކާލާތު ކުރާ ބައެއް ކަމަށްވާ އިރު، އަދީބްގެ މައްސަލަ އިންސާފުން ކުރިއަށް ގެންދެވުމަށް މޫސަ ވަނީ ގޮވާލައްވާފައެވެ.
އަދީބަށް ބޭސްފަރުވާ ނުލިބޭ ކަމަށް މޫސަ ވިދާޅުވެފައިވާއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ މިހާތަނަށް އަދީބަށް ލިބިފައިނުވާ ވަރަށް މި ސަރުކާރުން އޭނާ އަށް ބޭސްފަރުވާ ފޯރުކޮށްދީފައިވާ ކަމަށެވެ. އަދީބްގެ ބޭސް ފަރުވާގެ ކަންތައް ވަރަށް ގާތުން ގައްލަވަމުން ގެންދަވާ ކަމަށާއި، އެކަމުގައި އެއްވެސް އިހްމާލެއް ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
އަހްމަދު އަދީބްގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ކަރެކްޝަނުން އޭނާ ގޭބަންދަށް ބަދަލުކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.