ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 09:35
އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު 7:00 ގައި ފަށާފައިވޭ
އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު 7:00 ގައި ފަށާފައިވޭ
ރޮއިޓަރސް
އިންޑޮނީޝިއާގެ އިންތިޚާބު
އިންޑޮނީޝިއާގެ އިންތިޚާބުގެ ވޯޓްލުން ފެށިގެން ކުރިޔަށްް
ވިދޯދޯއާ އެެންމެ ގާތުން ވާދަކުރައްވަނީ ޕްރަބޯވޯ

އިންޑޮނީޝިއާގެ ރައްޔިތުން އެ ގައުމުގެ ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންޑޮނީޝިއާގެ އެންމެ އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު  7:00ގައި ފަށާފައިވާއިރު ވެރިރަށް ޖަކާޓާގައި ފަށާފައި ވަނީ އެ ޕްރޮވިންސްތަކަށް ވުރެ ދެ ގަޑިއިރު ފަހުންނެވެ.

އިންޑޮނީޝިއާގެ ތިން ޓައިމް ޒޯނެއް އޮވެއެވެ. ވޯޓުލުން މެދުރު 1 ޖަހާއިރު ބަންދުކުރާއިރު ވޯޓްލުން ބަންދުކުރާތާ ދެ ގަޑިއިރު ތެރޭ ނަތީޖާ ލިބެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.

ދުރު ސަރަހައްދުތަކަށް ސެކިއުރިޓީންނާ އެކު މަތިންދާ ބޯޓްގައި ވޯޓްކަރުދާސް ފޮނުވާފައިވާއިރު ވޯޓް ކަރުދާސްތައް ތަންތަނަށް ފޮނުވުމަށް ލޯންޗުފަހަރާއި، ކެނޯ އާއި އަސް ވެސް ބޭނުންކޮށްފައި ވެއެވެ.

މީގެ އިތުރުން އިންޑޮނީޝިއާގެ ޖަކާޓާގެ އުތުރުން އޮންނަ ތައުޒަން އައިލެންޑްސްއަށް ވޯޓްލާ މަރުކަޒުތަކެއްގެ ގޮތުގައި ދެ ލޯންޗެއް ވޯޓް ފޮށި ހިފައިގެން ގޮސްފައި ވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ އާއި އިންޑޮނީޝިއާގެ އުލަމާ ކައުންސިލްގެ ޗެއަރމަން މައުރުފް އަމީން އާއި ރިޓަޔަރޑް ޖެނެރަލެއް ކަމަށްވާ ޕްރަބޯވޯ ސުބިއަންޓޯ އާއި މިލިއަނަރެއް ކަމަށްވާ ސަންޑިއާފާ އޫނޯއެވެ.

ވިދޯދޯއާ އާއި އަމީން ދައްކަވަމުން ގެންދަވަނީ އެ ބޭފުޅުންނަކީ ދީނީ އަދި ކުރިއެރުމުގެ ވިސްނުންތަކުގެ ބައެއްގެ ގޮތުގައެވެ. 

ވިދޯދޯއާ އެެންމެ ގާތުން ވާދަކުރައްވާ ޕްރަބޯވޯއަކީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު އޭނާއަކީ އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ފަރާތެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފައެވެ. އޫނޯ ވަނީ މީގެ ކުރިން ޖަކާޓާގެ ގަވަރުނަރެއްގެ ގޮތުގައި މަދު މަސްތަކެއް ހޭދަ ކުރައްވާފައެވެ.

މިފަހަރުގެ އިންތިހާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ވިދޯދޯ މި ފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. ވިދޯދޯ އުޅުއްވަނީ އެމަނިކުފާނާ އެއްމެ ގާތުން ވާދަކުރައްވާ ކުރީގެ އަސްކަރިއްޔާގެ ޖެނެރަލް ޕްރަބޯވޯއަށް ވުރެ އެތައް ގުނައެއް ކުރީގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް