ކ. މާލެ
|
17 އޭޕްރިލް 2019 | ބުދަ 09:27
ޓެކްސީ
ޓެކްސީ
ގޫގުލް
ޓްރާންސްޕޯޓް މިނިސްޓްރީ
ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުންކުރާނީ މޮބައިލް އެޕް: ޓްރާންސްޕޯޓް 
މިހާރު ޓެކްސީ ދަތުރުތަކަށް ނަގާ ވަރަށް ވުރެ ޚަރަދު ކުޑަވާނެ

ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުންކުރާނީ  މޮބައިލް އެޕްލިކޭޝަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. 

ދަތުރުތަކުގެ އަގު ބޮޑުވެ ރައްޔިތުންގެ ޝަކުވާއާ ގުޅިގެން އެމިނިސްޓްރީން ވަނީ ޓެކްސީގައި މީޓަރު ހަރުކުރަން ނިންމާފައެވެ.

މިނިސްޓްރީން ޖެނުއަރީ މަހު އެގޮތަށް ނިންމި ނަމަވެސް އެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މިހާރު ނިންމާފައިވަނީ ޓެކްސީގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ކަމަށެވެ. އަދި އެޕްލިކޭޝަންގައި ހުންނަންޖެހޭ  ޝަރުތުތަކާއި އެކަމާ ގުޅޭ ތަފްސީލް އަންނަ މަހުގެ ފެށޭ ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ. 

"މޮބައިލް އެޕްލިކޭޝަންގައި ހުންނަންޖެހޭ ފީޗާސް ހުންނާނެ ގޮތާއި ޝަރުތުތަށް އަންނަ މަސް ފެށޭ ތާނގައި މިނިސްޓްރީން އިއުލާން ކުރާނެ،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މޮބައިލް އެޕް ބޭނުންކޮށްގެން ޚިދުމަތް ދިނުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމުން މިހާރު ޓެކްސީ ދަތުރުތަކަށް ނަގާ ވަރަށް ވުރެ ޚަރަދު ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭގައި އެކަނި ވެސް  1100 އަށް ވުރެ ގިނަ ޓެކްސީ ވަނީ ރެޖިސްޓްރީކޮށްފައެވެ.

އާދިލް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ޓެކްސީ ރެޖިސްޓްރީކޮށްފައިވާއިރު ވެސް ޓެކްސީ ނުލިބިގެން ރައްޔިތުންގެ ޝަކުވާ އަންނަ ކަމަށާއި އެގޮތަށް ދިމާވަނީ ބައެއް ޓެކްސީތައް ބޭނުން ނުކުރާތީ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން ތައާރަފްކުރާ މޮބައިލް އެޕްގެ ސަބަބުން އެއަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ބައެއް ޓެކްސީތައް އެބަހުރި ދުވާލަކު 4 ގަޑިއިރެއްހާއިރު ދުއްވާލުމަށް ފަހު ޕާކް ކޮށްލާފައި ބާއްވާ ޓެކްސީތައް ވެސް. އަޅުގަނޑުމެން ތައާރަފްކުރަން އުޅޭ އެޕުން އެނގިގެންދާނެ ކިހާ ވަގުތެއްގައިތޯ ބޭނުން ނުކުރާނީ. އެކަންތައްތަކަށް ވެސް ހައްލު ލިބިގެން ދާނެ،" އާދިލް ވިދާޅުވިއެވެ. 

ޓްރާންސްޕޯޓުން ޓެކްސީގެ އަގުތަކެއް މިހާރު ވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް ސިނަމާލެ ބްރިޖް ހުރަސްކުރުމަށް އެކި ޓެކްސީތަކުން ނަގަމުން ދަނީ އެކި ވަރަށެވެ. އެ ގޮތުން އާންމު ގޮތެގައި ބްރިޖްގެ ދަތުރަކަށް 100ރ. ނަގައެވެ. 

 

- ކޮމެންޓް