ކޮލަމާފުށީން ކަރަންޓް ކެނޑޭ މައްސަލަޔަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލްގެ ނައިބު ރައީސް އަދުނާން ހަސަން ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވާތާ ތިން މަސް ވެ، ދެ ދުވަހުން އެއް ދުވަހު އަދިވެސް ކަރަންޓު ދާ ކަމަށާއި އެކަމަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށެވެ.
ކައުންސިލްގެ ނައިބު ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ވެސް ބައިގަޑިއިރަށް ކަރަންޓް ކެނޑުނު ކަމަށެވެ.
އަދުނާން ވިދާޅުވީ ކަރަންޓު މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކައިން ގެނައީ ބާ އިންޖީނެއް ކަމަށާއި މިހާރު މުޅި ރަށަށް ކަރަންޓު ދެނީ އެންމެ ޖަނަރޭޓަރަކުން ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ވެސް ކައުންސިލަރެއްގެ ހައިސިއްޔަތުން ވެސް ރޯދަ މަހުގައި ވެސް ކަރަންޓު މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އަދުނާން ވިދާޅުވިއެވެ.
އަތޮޅުތެރޭ އެކި ރަށްރަށުގައި ކަރަންޓް ކެނޑުމަކީ މިހާތަނަށް ވެސް އެއްވެސް ސަރުކާރަކުން އެކަށީގެންވާ ހައްލެއް ނުގެނިފައިވާ ކަމެކެވެ. ނިމިދިޔަ ސަރުކާރުގައި 24 ގަޑިއިރު ކަރަންޓް ޔަގީންގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ކޮށް ހުރިހާ ރަށެއްގެ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ބޮޑު ހޭދައެއް ކޮށްފައިވީ ނަމަވެސް އަދިވެސް ގިނަ ރަށްރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަ އިންތިހާ އަށް ބޮޑެވެ.
ކަރަންޓްގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވިދާޅުވެފައި ވެއެވެ.