ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު އަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ނިންމައި ސްޕްރީމް ކޯޓުން މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކިކުރި މައްސަލައިގައި ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރާއްޖޭގެ ކުރީގެ އައްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފާޑުވިދާޅުވެއްޖެއެވެ.
ފާއިޒްގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ފަނޑިޔާރުނާ ގުޅޭ ގޮތުން ބަޔާން ކޮށްފައިވާ މާއްދާއަކީ ޖޭއެސްސީ އަށް އަޅާނުލާ ދޫކޮށްލެވޭނެ މާއްދާއެއް ނޫން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ގާނޫނުއަސާސީގެ އެ މާއްދާ ލިޔުއްވާފައެވެ. އަދި އޭގެ އިތުރަށް އެމަނިކުފާން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅު ދެބައިގެ އަގްލަބީއްޔަތުން ފާސްވުމުން ކަމަށެވެ.
ގާޒީ މަރިޔަމް ވަހީދާ ދެކޮޅަށް ސުޕްރީމް ކޯޓުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އެކޯޓު ނިންމުމާ ޙިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އޭޖީ އޮފީހުން ހުށައެޅި މައްސަލައަކާއި ގުޅިގެންނެވެ.
ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް ގާޒީ މަރިޔަމް ވަހީދު ވަނީ ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުން ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސްޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މަރިޔަމް ވަހީދާ ފަނޑިޔާރުކަމުން ވަކިކުރި މައްސަލައިގަ ކުރީގެ އުއްތަމަ ފަނޑިޔާރު ފާޑުވިދާޅުވެފައިވާ އިރު ސުޕްރީމް ކޯޓުން އެމަނިކުފާނު ފަކިކުރީ ވެސް ގާނޫނަށް ގެނައި އިސްލާހަކުންނެވެ. އަދި މަގާމުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި މަގާމުން ދުރުކުރި އިރު އެކަން ކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ގަބޫލުކުރެއެވެ.