Advertisement
ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 21:50
އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ
އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ
މުހައްމަދު ޝަރުހާން
ކާޑު އަގުހެޔޮ ކުރުން
ކާޑުގެ އޭޖެންޓުންނަށް އެސްޓީއޯއިން ކާކުކަން އަންގައިދޭ ކާޑެއް ތައާރަފް ކުރަނީ
ކޮންމެ 1000 މީހުންގެ އާބާދީއަކަށް އެއް އެޖެންޓް ހަމަޖެހޭނެ
އޭޖެންޓުންނަށް މިހާރު މާބޮޑަށް ނަފާވާނެ

ކާޑުގެ އަގުތައް އެއްހަމަ ކުރުމުގެ އުސޫލުގެ ދަށުން އެސްޓީއޯގެ ކާޑު އޭޖެންޓުންނަށް ވެފައިވާ ފަރާތްތަކަށް އެކުންފުނިން ކާޑު ނެގުމުގައި ލުއިފަސޭހެ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކާޑެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ ވިދާޅު ވެއްޖެއެވެ.

ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަފީހާ ވިދާޅުވީ އެސްޓީއޯގެ އެޖެންޓުންނަށް ވެފައިވާ ފަރާތްތަކުން ކާޑު ނަގަން އަންނައިރު ސިޓީއާ މިހެން ގޮސް ވަރަށް ގިނަ ލިޔެ ކިއުންތައް ގެންނަން ޖެހޭ ކަމަށާއި ނަމަވެސް އެޖެންޓުންނަށް ލުއިފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުމަށްޓަކައި ކާކުކަން އެނގޭނެ ފަދަ ކާޑެއް ވަރަށް އަވަސް މުސަތަގުބަލެއްގައި އެފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

": ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކާޑު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ. ކާޑު ހެދުމުން އެޖެންޓާއި ބެހޭ ހުރިހާ މައުލޫމާތެއް ސިސްޓަމުން ފެންނަން ހުންނާނެ." ނަފީހާ ވިދާޅުވިއެވެ.

މީގެ އިތުރުން ކާޑުގެ އަގު ހޮޔޮނުވާ ކަމަށް ނުވަތަ ކާޑުގެ އަގު އެއްހަމަ ނުވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެވަމުން އެސްޓީއޯ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓުން އައިޝަތު ނަޖީބު ވިދާޅުވީ އެހެން އެދިމާވަނީ އޭޖެންޓުން އެގްރީމެންޓްގައި ސޮއި ކުރިއިރު އެ އެޖެންޓުން އެސްޓީއޯއިން ކާޑު ނުނަގާތީ ކަމަށާއި އެހެން ކަމުން ކުރީގައި އެޖެންޓުން އަތުގައި ހުރި ކާޑު ވިއްކަމުން ގެންދިޔައީ ކުރިން ވެސް އެފަރާތްތަކުން ކާޑު ވިއްކި އަގުތަކުގައި ކަމަށެވެ.  

"ކުރިއަށް އޮތީ ރަމަޝާން މަސް ކަމަށްވާތީ އެސްޓީއޯއިން މަސައްކަތް ކުރަނީ އެޖެންޓުންނާއި ގުޅިގެން ކާޑު އެފަދަ ރައްތަކަށް ވެސް ފޯރުކޮށްދޭން. ބައެއް ރަށްތަކަށް އޭޖެންޓުން ކާޑު ނުގެންދޭ އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުރިހާ އެޖެންޓުން ވެސް ކާޑު ނަގައިގެން އެރަށްތަކަށް ގެންދިއުމަށް އެދެން. ކުރިންވެސް އެފަރާތްތަކުން ކާޑު ވިއްކި އަގުތަކުގައި ކާޑު ވިއްކުމުގެ ފުރުސަތު ބައެއް ރަށްތަކަށް އެބައޮތް." އައިޝާ ވިދާޅުވިއެވެ.

 

އެޖެންޓަކަށްވުމަށް އެއްވެސް ހުރަހެއްނެތްކަން ފާހަގަ ކުރައްވައި ނަފީހާ ވިދާޅުވީ އެފުރުސަތު ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައި ވާކަމަށެވެ.

އެގޮތުން1000 އަށްވުރެން މަދު އާބާދީ ދިރިއުޅޭ ރަށްތަކަށާއި އަދި 1000 އަށްވުރެން ގިނަމީހުން ދިރިއުޅޭ ރަށަކަށް ނަމަވެސް ކޮންމެ 1000 މީހުންގެ އާބާދީއަކަށް އެއް އެޖެންޓުގެ މަގުން ހުރިހާ ރަށަކަށް ވެސް އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ކާޑުގެ އަގުން ކުރީގައި ލިބުނު ނަފާއަށް ވުރެން މިހާރު އެޖެންޓުންނަށް ލިބޭ ނަފާ ބޮޑުވާނެ ކަމަށާއި އެގޮތުން ކޮންމެ ކާޑު ބަސްތާއަކުން 30 ރުފިޔާއަށް ވުރެން ބޮޑު އަދަދެއްގެ ނަފާ ވާނެ ކަމަށެވެ.

ނަމަވެސް މީގެ ކުރީގައި އެފަރާތްތަކަށް ނަފާގެ ގޮތުގައި ބަސްތާއަކުން  12 ރުފިޔާއާއި 15 ރުފިޔާގެ  ނަފާ ލިބުނުކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާޑުގެ އަގުތައް ހެޔޮކޮށް އެއްހަމަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން އެޕްރީލް މަހުގެ އެއްވަނަ ދުވަހުންފެށިގެން ކާޑުގެ އަގުވަނީ އަތޮޅު ތެރެއާއި މާލެ އެއްހަމަކޮށް ކާޑުގެ އަގު ހެޔޮ ކޮށްފައެވެ  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް