ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހު ކުޅުނު މެޗުން ރެއާލް މެޑްރިޑް އެއްވަރު ވެއްޖެއެވެ.
ލެގަނޭސްއާއި ރެއާލް ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ލެގަނޭސްގެ ދަނޑުގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްގެން ކުޅެފައިވަނީ ރެއާލްއިންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ލެގަނޭސްއިންނެވެ. މެޗުގެ 45 ވަނަ މިނެޓުގައި ލެގަނޭސްއަށް ލީޑް ނަގައިދިނީ މާޓިން ބަރިތްވޭގެ އެހީތެރި ކަމާއެކު ޖޯނަތަން ސިލްވާއެވެ.
ފުރަތަމަ ހާފްގައި ރެއާލްއިން ވަނީ ލެގަނޭސްގެ ފަހަތަށް ބާރު ބޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ.
ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާ އަކުން ލެގަނޭސް ލީޑްގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ރެއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ. ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 51 ވަނަ މިނެޓުގައި ކަރިމް ބެންޒެމާއެވެ.
މެޗަށް ފަހުގައި ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދިން ޒިދާން ބުނެފައިވަނީ ރެއާލަށް އެންމެ ރަނގަޅު ކުޅުން ދެއްކުމުގައި އުނދަގޫތަކެއް އެބަހުރި ކަމަށެވެ. އޭނާ އެންމެ ފަހުން ރެއާލްގައި ހުރިއިރު އަބަދު ވެސް އައީ މުބާރާތްތަކަށް ވާދަ ކުރަމުން ކަމަށާއި، އޭރު ކުޅުންތެރިން މޮޓިވޭޓްކުރުމުގައި ފަސޭހަތަކެއްހުރި ކަމަށެވެ. އެހެން ނަމަވެސް މިހާރު ރެއާލްގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި ސީޒަން އޮތީ ނިމިފައި ކަމަށް އޭނާ ބުންޏެވެ.
ޒިދާން އިތުރަށް ބުނީ ކުރިއަށް އޮތް ހަ މެޗުގައި ކުޅުންތެރިން މިހާރަށް ވުރެން ރަނގަޅަށް ކުޅެންޖެހޭ ކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި ޓީމްގައި ހުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ބޮޑުވާނީ އޭރުން ކަމަށެވެ.
ހޯމަ ދުވަހުގެ މެޗުން ރެއާލް އެއްވަރު ވެފައި ވާއިރު، ޒިދާން އެނބުރި ރެއާލާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. އަދި އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ރެއާލް މިވަގުތު ތާވަލުގެ ތިންވަނާގައި އޮތީ ކުޅުނު 32 މެޗުން ހޯދި 61 ޕޮއިންޓާއެކުއެވެ. ދެވަނާގައި އެތްލެޓިކޯ މެޑްރިޑް 32 މެޗުން ހޯދި 65 ޕޮއިންޓާއެކު އޮތްއިރު، ބާސެލޯނާ ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 32 މެޗުން ހޯދި 74 ޕޮއިންޓާއެކުއެވެ.