ރ. އުނގޫފާރު ކައުންސިލުން ތަރައްގީ ކުރި ފިކްނިކް އޭރިޔާ ހުޅުވައިފިއެވެ.
އުނގޫފާރު ކައުންސިލުން ބުނީ ރަށުގެ ގިނަ ބަޔަކު ބޭނުންކުރާ އެސަރަހައްދުގައި ފުޓްބޯޅަ އަދި ވޮލީ ކުޅެވޭނެ ތަންތައް ތަރައްގީކުރެވިފައިވާ ކަމަށެވެ. އަދި އެކި ކަހަލަ ބެންޗް ޕިކްނިކް އޭރިޔާގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް ބަހައްޓާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ގަސްގަހާއި ރުއްރުކުގައި އުންދޯލި އެލުވާފައި ހުންނާނެ ކަމަށާއި، ފެންވެރޭނެ އިންތިޒާމު ވެސް އެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އުނގޫފާރު ކައުންސިލުން ބުނީ ގާއިމުކުރެވިފައިވާ ވަސީލަތްތަކާއި ހިދުމަތްތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެހެން ވީހާ ދިގު މުއްދަތަކަށް މިތަކެތީގެ ފައިދާ ކުރާނެ ގޮތަކަށް ބޭނުން ހިފުމަށް އިލްތިމާސްކުރާ ކަމަށެވެ.
ޕިކްނިކް އޭރިޔާ ބޭނުންކުރުމުގައި އެސަރަހައްދުގެ އެއްވެސް ރުއްގަހަކަށް ގެއްލުން ނުވާނެހެން އުޅުން ބެހެއްޓުމަށްޓަކައި އަދި އެތަނުގެ ސާފުތާހިރު ކަމަށް ސަމާލުކަން ދިނުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.