ކ. މާލެ
|
16 އޭޕްރިލް 2019 | އަންގާރަ 12:23
ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުން ހުރިހާ ހިސާބެއްގައި ވެސް މީސްލްސް ދަނީ ފެތުރެމުން
ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުން ހުރިހާ ހިސާބެއްގައި ވެސް މީސްލްސް ދަނީ ފެތުރެމުން
ގެޓީ އިމޭޖަސް
މީސްލްސް
މި އަހަރުގެ ފުރަތަމަ ތިން މަހު މީސްލްސް ކޭސްތައް ރިޕޯޓްކުރެވުނު އަދަދު ތިންގުނަ އިތުރު: ޑަބްލިއުއެޗްއޯ
ބަލި ފެތުރުން އެންމެ ބޮޑަށް އިތުރުވެފައިވަނީ އެފްރިކާގައި

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ އަޅާ ބަލާއިރު ހިނގަމުން މިދާ 2019 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މީސްލްސް ކޭސްތައް ރިޕޯޓްކުރެވިފައިވާ މިންވަރު ތިންގުނަ އިތުރު ވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

އދ. ގެ އެ ޖަމްއިިއްޔާ އިން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މި ބަލި ފެތުރެމުންދެއެވެ.

ބަލި ފެތުރުން އެންމެ ބޮޑަށް އިތުރުވެފައި ވަނީ އެފްރިކާގައި ކަމަށްވާ އިރު އެ ބައްރުގައި ބަލި ފެތުރޭ މިންވަރުވަނީ 700 އިންސައްތަ އިތުުރުވެފައެވެ.

ބަލި ޖެހޭ މީހުންގެ ތެރެއިން ރިޕޯޓްކުރަނީ ކޮންމެ 10 މީހަކުން އެކެއް ކަމަށްވާއިރު ބަލި ފެތުރޭ މިންވަރު މިއަށްވުރެ ވެސް އިތުރުވާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

މީސަލްސްއަކީ ވައިރަސްއެއްގެ ޒަރިއްޔާއިން ފެތުރޭ ބައްޔަކަށް ވާއިރު ބައެއް ފަހަރު ފުއްޕާމެ އާއި ސިކުނޑިއަށް އިންފެކްޝަންގެ އަސަރުކުރާ ހާލަތަށް ދެއެވެ.

ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކަކީ ޔޫކްރެއިން، މަޑަގަސްކަރަ އަދި އިންޑިއާއެވެ. އެ ގައުމުތަކުން އެތައް މިލިއަން މީހުންގެ ތެރެއިން އެތައް ހާސް ކޭސްއެއް ރިޕޯޓްކުރެވިފައި ވެއެވެ.

 މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މަޑަގަސްކަރައިން އެކަނި ވެސް 800 މީހުން މަރުވެފައި ވެއެވެ.

ބްރެޒިލްއާއިި، ޔަމަނާއި، ޕާކިސްތާނުގައި ވެސް މީހުން މަރުވެފައިވާއިރު މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް