ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަޑައިގަތުމަށް އާއިލާއިން އާދޭސް ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގައި ރައީސް ޔާމީނަށް ސަޕޯޓްކުރާ ފަރާތްތައް ހިމެނޭ "ރައީސް ޔާމީން ސަޕޯޓަރސް"ކިޔާ ވައިބާ ގުރޫޕްގައި ރައީސް ޔާމީން ވިދާޅުވީ ސަޕޯޓަރުން އެދޭނަމަ ޕާޓީއާ ދުރަށް ޖެހިވަޑައިގަންނަވާނެ ކަމަށާއި ސިޔާސީ ކަންތައްތަކާއި ދުރަށް ޖެހިވަައިގަތުމަށް އެމަނިކުފާނުގެ އާއިލާއިން އާދޭސް ކުރައްވާކަމަށެވެ.
ރައީސް ޔާމީންގެ މި މެސެޖް ވަނީ ލީކްކޮށްލައިފަ އެވެ.
ޕީޕީއެމްގެ ލީޑަރޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އާދީއްތަ ދުވަހުގެ ރޭ އިސްތިއުފާ ދެއްވާފައި ވަނިކޮށް ލީކްވި ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވަނީ އިސް މަގާމުތަކަށް ބަދަލު ގެނެވިދާނެ ކަމަށާއި އަލަށް ހަވާލުވާ މީހުން ޒިންމާ ނަގަން ކެރެންވާނެ ކަމަށެވެ. އެ ޕާޓީއަށް ފައިސާ ހޯދޭނެ ގޮތް ހޯދަންވާނެކަމަށާއި މެމްބަރުން އިތުރު ކުރުމަށް ދަތުރު ވެސް ކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކެމްޕެއިން ނުކުރެއްވުނީ މިސަރުކާރުން ކަންތައްތައް ކުރެއްވި ގޮތުން ތަންތަނަށް ދަތުރުކުރެއްވޭ ގޮތެއް ނުވުމާއި ކެމްޕެއިނަށް ބަހައްޓާފައި ހުރި ފައިސާގައި އަތް ނުލެވުމުގެ ސަބަބުން ކަމަށް ރައީސް ޔާމީން މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
ޕާޓީއަށް ފައިސާ ހޯދޭނެ ގޮތް ހޯދަންވާނެ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ގާތުގައި ވިދާޅުވިއިރު، އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަން ރުފިޔާއަށް އަރާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.