Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 09:52
ތޮއްޑޫގެ ކަރާ ދަނޑުތައް
ތޮއްޑޫގެ ކަރާ ދަނޑުތައް
ރާއްޖެއެމްވީ
ދަނޑުވެރިކަން
ތޮއްޑޫ އިން މިއަހަރުގެ ރަމަޟާން މަހު ދުވާލަކަށް 20 ޓަނުގެ ކަރާ ބޭރު ކުރެވޭނެ: ކައުންސިލް
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެއިން ކަރާ ލިބޭނެ
ރަމަޟާން މަހަށް ޚާއްސަކޮށް ގިނަ ބާވަތްތައް ވަނީ ހައްދާފައި
މާކެޓް ހޯދުމަށް ދަތިތައް ވަނީ ކުރިމަތިވެފައި

އއ. ތޮއްޑޫ އިން މި އަހަރުގެ ރަމަޟާން މަހަށް ދުވާލަކަށް ގާތްގަނޑަކަށް 20 ޓަނުގެ ކަރާ ބޭރު ކުރެވޭނެ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް ހަދީޖާ ނިއުޝާ ވިދާޅުވީ ރަށުގެ ކުދި ބޮޑު އެންމެ ތައްޔާރުވަމުން އަންނަނީ ރަމަޟާން މަހަށް ކަމަށާއި، ދަނޑުވެރިން ބުރަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ގިނަ އަދަދެއްގެ ދަނޑުވެރިކަމުގެ ބާވަތްތައް ހައްދާކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ ކަރާ، މިރުސް، ފަތްޕިލާވެލީގެ ބާވަތްތަކާއި، ތަރުކާރީގެ ބާވަތްތައް ހައްދާ ކަމަށެވެ. އަދި އޮނޑިދޯނި ފަހަރުގެ ވެރިންނާއި ހަވާލާދީ ނިއުޝާ ވިދާޅުވީ ގާތްގަނޑަށް 20 ޓަނުގެ ކަރާ ކޮންމެ ދުވަހަކު ބޭރުކުރެވޭނެ ކަމަށެވެ.

''ރަށުގަ އެންމެ ބޮޑަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަން. ދަނޑުވެރިކަމުން ނަފާ ހޯދައިގެން އެހެން މަސައްކަތްތައް ވެސް ކުރިއަށް ގެންދަނީ. އެކަމަކު ވެސް މޫސުމަށް އަންނަ ބަދަލާ އެކު ވާނެ ގޮތެއް ބުނާކަށް ނޭނގެ. ގާތްގަނޑަކަށް 20 ވަރަކަށް ޓަނު ކަރާ ބޭރުކުރެވޭނެމ'' ނިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫ ދަނޑުވެރިއަކު ބުނީ މިހާރު ކުރިއަށް ދަނީ ކަރަލުގެ މާ ޖެއްސުމާއި، ކުރި ވަޅުޖެހުމުގެ މަސައްކަތް ކަމަށެވެ. އަދި އަންނަ މަހުގެ ތިނެއް ހިސާބުގައި ކަރާ ދޮންވާނެ ކަމަށާއި، ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާލެއަށް ކަރާ ފޮނުވާނެ ކަމަށް އޭނާ ބުންޏެވެ.

ތޮއްޑޫ އިން މިއަހަރު ކަރާ ހެއްދުމަށް 114 ދަނޑު ވަނީ ދޫކޮށްފައެވެ.

ތޮއްޑޫގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ރޯދައަށް އަންނަނީ ކަރާ ހައްދަމުންނެވެ. ރ. ފައިނުގެ ދަނޑުވެރިކަމާ ބެހޭ ގޮތުން އެރަށުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުވެރިން ތައްޔާރުވެފައިވާ ކަމަށެވެ.

ނަޝީރު ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ގިނަ ބާވަތްތައް ހައްދާފައިވާ ކަމަށާއި، ޚާއްސަ ސަމާލުކަމެއްދީފައިވަނީ ކަރަލަށް ކަމަށެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހު 120 ޓަނަށްވުރެ ގިނަ ކަރާ އެރަށުން ބޭރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ދަނޑުތައް ވަރަށް ފުރިހަމައަށް ހެދިފައިވާ ކަމަށެވެ. ނަމަވެސް ހޫނުގަދަވުމުގެ ސަބަބުން ބައެއް މައްސަލަތައް ކުރިމަތިވާ ކަމަށެވެ.

މާކެޓް ހޯދުމުގައި ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ އެރަށުގައި އޮޑިފަހަރު މަދުވުމުން، ދަނޑުތަކުން ހައްދާ ބާވަތްތައް އެރަށުން މާލެއާ ރިސޯޓުތަކަށް ގެނައުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

''މާލެއާ ރިސޯޓުތަކަށް ކަރާ ގެންދަން ދޯނިފަހަރު ނުލިބޭ މައްސަލަ އެންމެ ބޮޑީ. ދެން އެހެން ރަށްރަށުގެ ދޯނިތަކަށް އަރުވައިގެން މިގެންދަންޖެހެނީ،'' ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހު މާލޭގެ މާރުކޭޓުން ފައިނު ކަރާގެ އިތުރުން އެރަށުގެ ގިނަ ބާވަތްތައް ލިބޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް