Advertisement
ކ. މާލެ
|
15 އޭޕްރިލް 2019 | ހޯމަ 07:44
ފްރާންސްގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމުހުރިއްޔާއަށް އަރުވަނީ
ފްރާންސްގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމުހުރިއްޔާއަށް އަރުވަނީ
މުހައްމަދު ޝަރުހާން
ފްރާންސާ އާ ސަފީރު،ން
ފްރާންސްގެ އައު ސަފީރު ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަން ދިނުމަށް ފުރާންސްގެ ރައީސް އެދިވަޑައިގެންނެވި
ވޯޓްގެ ނަތީޖާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު

ފްރާންސުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެރިކް ލެވަޓޫ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސް ޞާލިޙް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން ފްރާންސް ސަފީރުގެ ދައުރުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ފްރާންސްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް، ވޭތުވެ ދިޔަ އަހަރުތަކުގައި ފްރާންސުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

މި ބައްދަލުކުރެއްވުމުގައި ފްރާންސްގެ ސަފީރު ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ހޯއްދެވި ނަތީޖާއަށް ރައީސްއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެނަތީޖާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށާއި ރައްޔިތުންގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް އިސްކަން ދެއްވައިގެން ސަރުކާރުގެ ވައުދުތައް ފުއްދަމުން ގެންދިއުމަށް ސަފީރު އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުން ނިންމަވާލައްވަމުން، ފްރާންސްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތްކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ފަޚުރެއްގެ ގޮތުގައި ފާހަގަކުރައްވައި، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

މީގެ އިތުރުން ޔުގަންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ގްރޭސް އަކެލޯވެސް ވަނީ  އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް  އަރުވާފައެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށް ފަހު، ޔުގަންޑާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަޙުނިޔާ ވިދާޅުވެ، ޔުގަންޑާގެ ރައީސަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޔުގަންޑާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އާއި ޔުގަންޑާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. މިގޮތުން ޚާއްޞަކޮށް ރާއްޖެ އާއި ޔުގަންޑާއާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިންނާއި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޔުގަންޑާގެ ސަފީރު ވަނީ، އެކަމަނާ ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ޔުގަންޑާގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމުގައި ސިފަކުރައްވައިފައެވެ. މީގެ އިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް