Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 14:40
މާލޭގެ މަގެއްގައި ކެމްޕެއިން ދިދަތަކެއް ދަމާފައި (ފައިލް ފޮޓޯ)
މާލޭގެ މަގެއްގައި ކެމްޕެއިން ދިދަތަކެއް ދަމާފައި (ފައިލް ފޮޓޯ)
އަޝްވާ ފަހީމް
ރައްޔިތުންގެ މަޖިލިސް 2019
ކެމްޕޭނު ސަމާނުތައް ދެ ހަފްތާ ތެރޭގައި ނެގުމަށް ސިޓީ ކައުންސިލުން ގޮވާލައިފި
ދެ ހަފްތާ ތެރޭގައި ކެމްޕޭން ސާމާނު ނުނަގައިފި ނަމަ ޖޫރިމަނާ ނަގާނެ
ބައެއް ކެންޑިޑޭޓުން މިހާރު ވެސް ވަނީ ބެނާތައް ނަގާފައި

ނަވާރަ ވަނަަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭންގައި ބޭނުންކުރި ހުރިހާ ސާމާނެއް ދެ ހަފްތާ ތެރޭގައި ނެގުމަށް މާލޭ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔާރ ޝިފާ މުހައްމަދު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި ބޭނުންކުރި ހުރިހާ ސާމާނެއް، އިންތިޚާބު ނިމޭތާ ދެ ހަފްތާ ތެރޭގައި ނެގުމަށް ހުރިހާ ކެންޑިޑޭޓުންނާ އެކު އެގްރިމެންޓްކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އެގްރިމެންޓް ކުރެވުނު ގޮތާ އެއްގޮތަށް ހުރިހާ ކެންޑިޑޭޓުން ވެސް އަމަލުކުރެއްވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވާ ކަމަށެވެ.

ދެ ހަފްތާ ތެރޭގައި ކެމްޕޭން ސާމާނު ނުނަގައިފި ނަމަ އެއްބަސްވުމާ އެއްގޮތަށް ޖޫރިމަނާ ނަގާނެކަން މޭޔާރ ފާހަގަކުރެއްވިއެވެ.

މޭޔާރ ވިދާޅުވީ ކެމްޕޭން ކުރިއިރު ވެސް ކެންޑިޑޭޓުންނާއި، ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމާ ބައެއް ކެންޑިޑޭޓުން ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އިމާރާތްތަކުގެ ފާރުގައި ޕޯސްޓަރުތައް ތަތްކޮށްފައި ހުރުން ފަދަ މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ.

ފަތާ ސަރަހައްދުގައި ވަށައި އޮންނަ ތޮށީގައި ފޮޓޯ ތަތްކުރުމަކީ ވެސް މަނާ ކަމެއް ކަމަށާއި، ނަމަވެސް އެތާނގައި ވެސް ފޮޓޯ ތަތްކޮށްފައިވާކަން ޝިފާ ފާހަގަކުރެއްވިއެވެ. އެކަމާ ގުޅިގެން އެ ސަރަހައްދައް ކުދިން ފަތަން ގެންދާ ގިނަ ބެލެނިވެރިންގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުން އަންނަ ކަމަށް މޭޔާރ ވިދާޅުވިއެވެ.

ބައެއް ކެންޑިޑޭޓުން އިންތިޚާބު ނިމުމާ އެކު ބެނާތަކާއި ޕޯސްޓަރުތައް ނަގާފައިވާކަން ސިޓީ ކައުންސިލުން ފާހަގަކުރިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް