Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 14:02
މިދިޔަ މަހު ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ވަނީ އަންގާފައި
މިދިޔަ މަހު ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ވަނީ އަންގާފައި
ޝުއައިބް މުހައްމަދު އިގްބާލް
ނިއުޕޯޓް
ސަރުކާރުން އެންގުމުން ނިއުޕޯޓް ވިއު ހުސްކުރުމުގެ މަސައްކަތް ފަށާނަން: މޭޔާރ
ނިއުޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެ ތަނުގެ ވެރިފަރާތަށް އަންގާފައި ވަނީ 11 މާރޗްގައި

ނިއު ޕޯޓް ވިއު ހުސްކުރަން ސިޓީ ކައުންސިލަށް ސަރުކާރުން އެންގުމުން އެތަން ހުސްކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލް މޭޔާރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެއް މަސްދުވަހުގެ ތެރޭގައި ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން އެތަނުގެ ވެރި ފަރާތަށް އަންގާފައިވާ އިރު، އަދިވެސް އެތަން ހުސްކޮށްފައެއް ނުވެއެވެ. ނިއު ޕޯޓް ވިއު ހުސްކުރަން ކަނޑައެޅި މުއްދަތު ހަމަވިއިރު ވެސް، އެތަން ހުސްކޮށްފައި ނުވަނީ ކީއްވެތޯ ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން ޝިފާ ވިދާޅުވީ، ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ސިޓީ ކައުންސިލަށް އަދި އަންގާފައިނުވާ ކަމަށާއި، ސަރުކާރުން ސިޓީ ކައުންސިލަށް އަންގާ އިރަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

ޝިފާ ވިދާޅުވީ ނިއު ޕޯޓް ވިއު އެ ބިމުން ނަގައި، އެ ސަރަހައްދު ހުސްކުރަން ސަރުކާރުން ވެސް ބޭނުންވެފައިވާ ކަމަށާއި، ނަމަވެސް ކުރީ ސަރުކާރުން ގަވާއިދާ ޚިލާފަށް ކޮންޓްރެކްޓްކޮށް މާލޭގެ އެތައް ބިމެއް ދީފައިވުމުގެ ސަބަބުން، އެ ބިންތައް ހުސްކުރަން ބޭނުންވިޔަސް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ނިއު ޕޯޓް ވިއު ހަދާފައިވާ ބިން ހުސްކުރަން ބޭނުންވާއިރު، ސަރުކާރަށް ވެސް އެކަން ކުރެވޭނީ އޮންނަ އުސޫލްތަކާއި ހަމައިން ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، ބިން ހުސްނުކުރެވި ލަސްވަމުން ދަނީ އެ ސަބަބާ ހެދި ކަމަށް މޭޔާރ ވިދާޅުވިއެވެ.

ނިއު ޕޯޓް ވިއު ހަދާފައިވާ ބިމުގައި އިމާރާތެއް ހުންނަން މާލޭގެ ރައްޔިތުން ބޭނުންނުވާ ކަމަށާއި، މާލޭ ރައްޔިތުން ބޭނުންވަނީ އެތަން ހުސްބިމެއްގެ ގޮތުގައި އޮންނަން ކަމަށް ޝިފާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ވެސް މާލޭގެ ރައްޔިތުން ބޭނުންނުވާ ގޮތަކަށް އަމަލުނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މޭޔާރ ވިދާޅުވިއެވެ.

ތިން މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން ނިއު ޕޯޓް ވިއު ހުސްކުރަން ސަރުކާރުން ނިއުޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 11 މާރޗްގައެވެ. ނިއު ޕޯޓްގެ ވެރިފަރާތަށް އަންގާފައި ވަނީ 30 ދުވަހުގެ ތެރޭގައި އެތަން ހުސްކުރުމަށެވެ. އެތަނުގެ އެގްރިމެންޓް ހަދާފައިވާ ގޮތުން އެއް މަހުގެ ކުލި ސަރުކާރަށް ނުދެއްކިއްޖެ ހާލަތެއްގައި ތަން ހުސްކުރަން އެންގިދާނެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 6 ގައި ހުޅުވާފައިވާ 500 މީހުންގެ ޖާގައިގެ ނިއު ޕޯރޓް ރެސްޓޯރަންޓްސްގެ މެނޭޖިންގ ޑިރެކްޓަރަކީ ޕީޕީއެމްގެ ކުރީގެ ކައުންސިލު މެމްބަރު ޒާހިދު ރަމީޒުގެ އަނބިކަނބަލުން މަލަކާ އަބްދުލް ހަކީމެވެ. ކުރިން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޒާހިދު ރަމީޒު ވަނީ ފަހުން އެ ކުންފުނި ދޫކޮށް މަލަކާގެ ނަމަށް ބަދަލު ކޮށްފައެވެ.

ތަނުގެ ކުލީގެ ގޮތުގައި ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަމުން އައި ނިއުޕޯޓް ވިއު ކުއްޔަށް ދީފައި ވަނީ އަށް އަހަރަށެވެ.

ނިއު ޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ޕްލެޓްފޯމް ސަރަހައްދު ދޫކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނީ ޕްލެޓްފޯމާއި ރެސްޓޯރަންޓާއި ކުޑަކުދިން ކުޅޭނެ ސަރަހަދެއްގެ އިތުރުން ޕާކިން ޒޯން ހަދާ ގޮތަށެވެ.

ސަރުކާރުން 30 ދުވަހުގެ ތެރޭގައި ނިއު ޕޯޓް ވިއު ހުސްކުރަން އެންގުމުން، އެ ތަން ހިންގަމުން އަންނަ ސްޓާރޑާ ޕްރައިވެޓް ލިމިޓެޑުން އެ މަައްސަލަ ސިވިލް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިއު ޕޯޓްވިއު ހުސްކުރުމަށް ފަހު ސަރުކާރުން ބޭނުންވަނީ އެތަނުގައި އާންމުންނަށް ތިބެވޭނެ ގޮތަށް ޕާކެއް ހެދުމަށެވެ.

ނިއު ޕޯޓް ހިމެނޭ ބްރިޖް ވިއު ޕްލެޓްފޯމާ އިންވެގެން އެ ސަރަަހައްދުގައި ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ކުރިން ހެދި ޗާޓައިމް، ރިންގް ރޯޑް ހެދުމަށް ނެގި މައްސަލައިގައި ބަދަލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް ކުރީގެ ސަރުކާރުން ނިންމި އެވެ. ނަމަވެސް އޭސީސީގެ އެންގުމަށް އެ ފައިސާ ވަނީ ހިފަހައްޓާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 އޭޕްރިލް 2019 | ހޮނިހިރު 09:33
އައިމިނާ
ރާއްޖެ ޓީވީއިންގެނެސްދޭ މާކަނާޝޯގެ މިހާރު ބަހުރުވަތައްހުންނަގޮތުން ވަރަށްކަންބޮޑުވޭ.. އަނެއްކާވެސް ބްރޯޑްކާސްޓިންކަމިޝަނުން ޖޫރިމަނާކުރާނީ ތިތަންއެގޮތްނޭދޭ