Advertisement
ކ. މާލެ
|
13 އޭޕްރިލް 2019 | ހޮނިހިރު 07:46
ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ހާރިޖީ ވުޒާރާ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމުން ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފި
އިންތިހާބުގެ ކަންކަން ދިޔަ ގޮތަށް ވަނީ ތައުރީފުކުރައްވާފައި
އިންތިހާބާ ބެހޭ ތަފްސީލީ ބަޔާނެއް ފަހުގެ ތާރީހެއްގައި އާއްމުކުރާނެ

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބު މޮނިޓަރ ކުރަން ރާއްޖެއަށް އައި ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމުން ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކޮށްފިއެވެ.

ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ހޮނޮރަބަލް ބްރޫސް ގޯލްޑިން އިސްވެ ހުންނެވި އޮބްޒާވަރުންގެ ޓީމުން ބުރާސްފަތި ދުވަހު ހާރިޖީ ވުޒާރާގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ސުލްހަވެރި ތަރުތީބު އިންތިހާބެއް ބޭއްވުމުން އެކަމަށް ތައުރީފުކުރައްވާފައެވެ. އެގޮތުން ގޯލްޑިން ވަނީ އިންތިހާބުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ޕްރޮފެޝަނަލިޒަމް އާއި ނަޒާހާތްތެރިކަން ފާހަގަކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ޒިންމާދާރު ގޮތެއްގައި ޓެކްނޮލޮޖީގެ ބޭނުން ކުރެއްވި ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިހާބު ނިމުމާ އެކު ކޮމަންވެލްތު އޮބްޒާވަރުންގެ ޓީމުން ވަނީ އެ ފަރާތުގެ ހޯދުންތަކަށް ބިނާކޮށް ޕްރިލިމިނަރީ ބަޔާނެއް ނެރެފައެވެ. އޮބްޒާވަރުންގެ ޓީމުން ނެރުނު ބަޔާނުގައި ވަނީ އިންތިހާބުގެ ކަންކަން ކަށަވަރު ކުރުމަށް ރަނގަޅު މާހައުލެއް އިންތިހާބުގެ ކުރިން ގާއިމުކުރެވިފައިވާ ކަމާއި، ވޯޓުލީ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް ރަނގަޅުކަން ފާހަގަކުރައްވާފައެވެ. ފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބުގައި ކަންކަން ހިނގައިދިޔަ ގޮތަށާއި ކުރިޔަށް އޮތް ތާނގައި ރަނގަޅުކުރަން ފެންނަ ކަންކަމަށް ބިނާކޮށް ތަފްސީލީ ބަޔާނެއް އޮބްޒާވަރުންގެ ޓީމުން ނެރެން ވަނީ ހަމަޖެހިފައެވެ.

ހާރިޖީ ވުޒާރާގައި އޮތް ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އިތުރުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޙަލީލާއި، ފޮރިން ސެކެޓްރީ އަބްދުލް ގަފޫރު މުހައްމަދު، އެޑިޝަނަލް ސެކެޓްރީ އަދި އެސިސްޓަންޓް ޑިރެކްޓަރު ސަލްމާން ޒަކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވަނީ ގޯލްޑިންގެ އިތުރުން އެ ޖަމިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ކްލާރާ ކޯލް އާއި ކޮމިއުނިކޭޝަން އޮފިސަރު ނޯބަރ އައްބާސީއެވެ.

މި މަހުގެ ތޭރަ ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ ކޮމަންވެލްތް އޮބްޒާވަރުންގެ ޓީމު ރާއްޖެއަށް އައީ މާޗް 30 ވަނަ ދުވަހުގައެވެ. މި ދަތުރުފުޅުގައި އެ ބޭފުޅުން ވަނީ މާލޭގައި ގާއިމްކޮށްފައި ހުރި އިލެކްޝަންސް މެނޭޖްމަންޓް ސެންޓަރުގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަކަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން އެ ބޭފުޅުން ވަނީ ސިވިލް ސޮސައިޓީގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް