Advertisement
ކ. މާލެ
|
12 އޭޕްރިލް 2019 | ހުކުރު 18:49
އާސަންދަ ކުންފުނި
އާސަންދަ ކުންފުނި
ގޫގުލް
އާސަންދަ ކުންފުނި
ބޭރުގައި އުޅޭ ދިވެހިންނަށް ހާއްސަ ކުރި މެރަނާ ސްކީމުގައި 2690 މީހުން ރަޖިސްޓްރީ ކޮށްފި
އަހަރަކު 150،000 ރުފިޔާ ހަމަޖެހިގެން ދާނެ
އެޑްމިޓް ނުކޮށް ކުރާ ފަރުވާތަކަށް 10،000 ރުފިޔާ ހަމަޖެހޭނެ

އާސަންދަ ކުންފުނިން އަލަށް ތައާރަފް ކުރި މެރަނާ ސްކީމުގައި މިހާތަނަށް 2,690 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މެރަނަ ސްކީމްގެ މައުލޫމާތުތައް ހިއްސާކުރުމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވިދާޅުވީ މެރަނާ ސްކީމުގެ ހިދުމަތް ލިބޭނީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިގު މުއްދަތަކަށް ދިރިއުޅުމުންގެންދާ ރައްޔިތުންނަށް ކަމަށާއި އެ ސްކީމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެ ސްކީމްގެ ދަށުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ހުސްނުވާ އާސަންދައިގެ ހިދުމަތް ނުލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

" މެރަނަ ސްކީމުގެ ވެރިފަރާތަކީ އާސަންދަ ކުންފުނި. މި ސްކީމުން ހިދުމަތް މި ލިބެނީ ކުރިން ބުނިހެން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހި ރައްޔިތުންނަށް. ދިގު މުއްދަތަށޭ މި ބުނަނީ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ވިސާގައި ތިބޭ ދިވެހި ރައްޔިތުންނަށް،" ޒީނިޔާ ވިދާޅުވިއެވެ.

"މެރަނާ" ސްކީމުގެ ކޮންމެ ބައިވެރިއަކަށް ޖުމުލަ ކަވަރޭޖުގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހިގެން ދާއިރު އެނދުމަތި ނުކޮށް (އައުޓް ޕޭޝަންޓް / އޯ.ޕީ) ޚިދުމަތުގެ ޖުމުލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10،000 ރުފިޔާ އަދި އެނދުމަތި ކޮށްގެން (އިންޕޭޝަންޓް/އައި.ޕީ) އެޑްމިޝަން ހިމަނައިގެން ޖުމުލަ ކަވަރޭޖާއި އެއްވަރުގެ އަދަދެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އައުޓްޕޭޝަންޓްގެ ގޮތުގައި ދައްކާނަމަ ހަރަދުވާ އަދަދު އަނބުރާ ދޭ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ. މި ހިދުމަތް އާސަންދައިގެ ފަރާތުން ވެސް ލިބޭނީ އެ ތިން ގައުމުގެ އާސަންދަ އެމްޕެނަލްޑް ހޮސްޕިޓަލްތަކުން އެކަންޏެވެ. އަދި ހޮސްޕިޓަލުން ހިދުމަތަށް ނަގާ އަދަދު ކަނޑައަޅާނީ އާސަންދަ އާއި ހޮސްޕިޓަލާއި ހެދިފައިވާ އެގްރީމެންޓެއްގެ ދަށުން އެއްބަސްވެފައިވާ އަދަދެއް ކަމަށާއި ބާކީ އަމިއްލައަށް ދައްކަންޖެހޭނެ ކަމަށް ވެސް އާސަންދަ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޒީނިޔާ ވިދާޅުވީ އޭޕްރީލް އެއް ވަނަ ދުވަހުން ފެށިގެން އިންޑިއާ އަދި ސްރީލަންކާގައި މި ހިދުމަތް ލިބޭނެ ކަމަށާއި މެލޭޝިއާގައި ދިރިއުޅޭ ރައްޔިތުނަށް މެރަނާ ސްކީމުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ވާންޖެހޭ އިދާރީ ތައްޔާރީތައް ވަމުންދާއިރު ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް މި ޚިދުމަތް ލިބެންދާނެ ކަމަށެވެ.

އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ހޮސްޕިޓަލަކުން މިވަގުތު ވެސް މި ސްކީމްގެ ޚިދުމަތް ލިބެން ހުރިއިރު "މެރަނާ" ސްކީމްގައި ރެޖިސްޓަރ ވެވޭނީ abroad.aasandha.mv މެދުވެރިކޮށް ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާތަނަށް ސްރީލަންކާއިން ވަނީ ހަތަރު ބޭފުޅަކު މި ހިދުމަތުގެ ދަށުން ބޭސްފަރުވާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް