މިއަދު ރައްޖެއޮތީ އަޣުލަބިއްލަތަށް ތާއީދުކޮށް ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް ކަމަށް ހެންވޭރު އުތުރު ދައިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެމްޔޫއޯއިން ގދ. ތިނަދޫގައި ބޭއްވި ހާއްސަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ، އެމްޑީޕީން އިސްނަގާއިގެން ބާއްވާ ހަރަކާތްތަކަކީ ސަރުކާރުން ބިރު ގަންނަ ކަމެއް ކަމަށާއި މިއީ މިއަދު ސަރުކާރުގެ ހާލަތު ކަމަށެވެ.
އެމްޑީޕީގެ ބޮޑު ދިދަދެއް ނެގުމުންވެސް ސަރުކާރުގެ މޭގަނޑު އަތަށް އައިސްފައިވާ ކަމަށް ސިފަކުރައްވާ ޝާހިދު ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހު ގދ ތިނަދޫގާ ހިންގި ހަރާކާތްތަކާ ގުޅިގެން ކުއްލިއަކަށް އެރަށު ސްކޫލު ބެލެނިވެރިންނަށް ސިއްހީ މައުލޫމާތު ދޭ ސެޝަނެއް ބާއްވަން ސަރުކާރުން ނިންމި ކަމަށެވެ. މިފަދަ ކަންކަން ކުރިމަތިވި ނަމަވެސް އިދިކޮޅު ފަރާތްތަކުގެ ޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިކަން ސާފުވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ސަރުކާރުން ގެންގުޅޭ އުސޫލުތަކަކީ މާލޭގައި މައި ސަރުކާރެއް ހިންގައި، އެހެން އަތޮޅުތައް ނު ބޭއްވުމުގެ އުސޫލުކަމަށެވެ. ކުރިން ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ލިބުނު އެތައް ބާރެއް ސަރުކާރުން ގާނޫނަށް އިސްލާހު ގެނެސް ސަރުކާރުން ހަނިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގެ ކަންކަން ނިންމުމުގައި އެރަށެއްގެ ރައްޔިތުންގެ ހިއްސާއެއް ނުވަތަ ބަހެއް އޮންނަން ޖެހޭކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ރާއްޖޭގެ އެންމެ ބޮޑު އަތޮޅަކީ ހުވަދު އަތޮޅު ކަމުގައިވާ އިރު އެއަތޮޅުގެ ރަށްތައް ބޭނުންކުރާނެ ގޮތް ނިންމުމުގައި އަތޮޅުގެ ރައްޔިތުންގެ ބަހެއް އޮންނަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ މާލޭގެ މައި ސަރުކާރުން އަތޮޅުތަކަށް ނިންމަން ޖެހޭ ކަންކަން ނިންމާ، އެފަރާތުން ބޭނުންވާ ބަޔަކަށް ރަށްތައް ބަހަމުންދާ މަންޒަރު ކަމަށް ޝާހިދު ވިދާޅުވި އެވެ.
" މިއަދު ފެންނަ މަންޒަރުތަކުން މާބޮޑަށްވެސް، ޔަގީންވެއްޖެ ހުވަދު އަތޮޅު، އަދި މުޅި ރާއްޖޭގައިވެސް ކަށަވަރު ވެގެންދާނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށް ކަންކަން ވެގެންދާނެ ކަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ތާއީދު އޮތީ ކޮރަޕްޝަނާއި ފަސާދަޔާއި ވައްކަމާ ދެކޮޅަށް ކަމަށެވެ.