ސޫދާންގައި ތިރީސް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ވެރިކަމުގައި ހުރި އުމަރު އަލް-ބަޝީރު ހައްޔަރުކުރުމަށް ފަހު، އެ ގައުމުގެ އަސްކަރިއްޔާއިން ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.
ތިން މަސް ދުވަހުގެ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު، އެ ގައުމުގެ ކެބިނެޓާއި ނެޝަނަލް އެސެމްބްލީ އަދި މުނިސިޕަލް ވުޒާރާތައް ވަނީ އުވާލާފައެވެ. އަދި އެ ގައުމުގެ ގާނޫނުލް އުގޫބާތު ވެސް ވަނީ ކުއްލި ހާލަތުގައި އުވާލާފައެވެ. ނަމަވެސް އެ ގައުމުގެ ޖުޑީޝަރީއާއި ޕަބްލިކް ޕްރޮސިކިއުޝަނާއި އެމްބަސީތަކާއި އެހެނިހެން ޑިޕްލޮމެޓިކް އެންޓިޓީތައް ކުރިޔަށް ދާނެ ކަމަށް ޑިފެންސް މިނިސްޓަރު އަވަދް މުހައްމަދު އަހްމަދު އިބްނު އައުފް ވަނީ ވިދާޅުވެފައެވެ
އަދި ވެރިކަން ބަދަލުކުރުމުގެ ކަންކަން ވީހާ ވެސް ސުލްހަވެރިކަމާއި އެކު ކުރިޔަށް ގެންދިޔުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދާނެ އަސްކަރީ ކައުންސިލެއް ވެސް ވަނީ އުފައްދާފައެވެ. އަދި މިފަހުން އެ ގައުމުގައި ކުރިޔަށް ދިޔަ މުޒާހަރާތަކުގައި ހައްޔަރުކުރެވުނު އެއްމެން ވެސް ދޫކޮށްލައްވާނެ ކަމަށް ވެސް އަވަދް މުހައްމަދު ވަނީ ވިދާޅުވެފައެވެ.
ހައްޔަރު ކުރެވުނު ރައީސް މިހާރު ހުންނެވީ ރައްކާތެރި ހިސާބެއްގައި "ގޭބަންދު" ކުރެވިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ބަޝީރު ވެރިކަމުން ދުރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިންގެ ބައްދަލުވުމަކަށް ފަހުގައެވެ. ބަޝީރުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރާއި ވެރިކަން ކުރާ ޕާޓީގެ ޗެއަރަމަން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
ސޫދާންގައި ވެރިކަން ކުރާތާ ތިރީސް އަހަރުވެފައިވާ ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާއި ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ގައުމުގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެއްމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާއި ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.