Advertisement
ކ. މާލެ
|
11 އޭޕްރިލް 2019 | ބުރާސްފަތި 09:25
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
އަލުން ވޯޓު ގުނުމަކީ ކުޅިވަރަކަށް ނެހެދޭނެ: އަކްރަމް
ބާތިލު ވޯޓު އިތުރުވި ސަބަބު ސާފުކޮށްދެއްވި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓަކު އެދޭ ކޮންމެ ފަހަރަކު އަލުން ވޯޓު ނުގުނާނެ ކަމަށާއި އެކަމަކީ އަލުން ވޯޓު ގުނުމަކީ ކުޅިވަރަކަށް ނެހެދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްޕާސަން އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވަނީ ފަސް ދާއިރާގެ ވޯޓު ފޮށިތަކެއް އަލުން ގުނާފައެވެ. އެގޮތުން މާމިގިލީ ދާއިރާ އާއި މާވަށު ދާއިރާ އާއި ބާރަށު ދާއިރާ އާއި ފޮނަދޫ ދާއިރާގެ އިތުރުން މަޑުއްވަރީ ދާއިރާގެ ވޯޓުފޮށިތައް ވަނީ ގުނާފައެވެ. އެ ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނި ނަމަވެސް، ގޮނޑި ކާމިޔާބު ކުރެއްވި ބޭފުޅުންނަށް ބަދަލެއް ނާދެއެވެ.

އަލުން ވޯޓު ގުނުމަށް ކެންޑިޑޭޓުން ހުށަހަޅަމުންދާތީ، އެކަމުގެ ކަންބޮޑުވުން "ރާއްޖެއެމްވީ"އާ ހިއްސާ ކުރައްވައި އަކްރަމް ބުދަ ދުވަހު ވިދާޅުވީ ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނާނީ ނަތީޖާއަށް ބަދަލު އަންނާނެ ވަރުގެ ކަމެއް ފާހަގަ ކުރެވިގެން އެކަން ހުށަހެޅުމުން ކަމަށެވެ.

"އަޅުގަނޑުމެން ގުނަން ޖެހޭނީ ބާތިލު ވޯޓު ހުރި ފޮށިތައް އެކަނި ކަމަށް. އަޅުގަނޑުމެން ވޯޓު ފޮށިތައް ގުނުމަކީ ކުޅިވަރެއްގެ ގޮތުގައި ހަދާކަށް ނޫން މިތިބީކީ. ކެންޑިޑޭޓެއް އަޅުގަނޑުމެންނަށް އެދޭ ކޮންމެ ފަހަރަކު ވޯޓު ފޮށިތައް ގުނާ ގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީކީ. އަޅުގަނޑުމެން ވޯޓު ފޮށިތައް ގުނާނީ ވޯޓު ފޮށީގެ ނަތީޖާއަށް ބާތިލު ވޯޓުގެ ސަބަބުން ނުވަތަ އެ ބޭފުޅުން ހުށަހަޅާ، ޝަކުވާގެ ސަބަބުން، ނަތީޖާއަށް އަސަރު ކުރާނެކަން އެބޭފުޅުންނަށް ޔަގީންކޮށްދެވުނީމަ،" އެ ކޮމިޝަންގެ މެމްބަރުކަން ވެސް ކުރައްވާ އަކްރަމް ވިދާޅުވިއެވެ.

ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް އަލުން ގުނުމުން، ސައްހަ ވޯޓު އިތުރުވަމުންދާތީ އެކަން ދިމާވާ ސަބަބު އޮޅުން ފިލުވުމަށް ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާތީ އަކްރަމް ވަނީ އެކަމަށް ޖަވާބު ދެއްވާފައެވެ. އަކްރަމް ވިދާޅުވީ އެ މައްސަލަ ދިމާވީ މަޖިލިސް އިންތިހާބު ކައިރިވެފައި ވަނިކޮށް، އިންތިހާބާ ބެހޭ ގާނޫނަށް ކުއްލި އިސްލާހެއް ގެނައުމުން ކަމަށެވެ.

މާޗު މަހުގެ 22 ވަނަ ދުވަހު ތަސްދީގުކޮށްފައިވާ އެ އިސްލާހުގައި ބުނެފައި ވަނީ ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން، އިތުރު އެހެން ފާހަގައެއް ޖެހާފައިވާ ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓަކީ ބާތިލު ވޯޓެއް ކަމަށެވެ.

"ބައެއް ފަރާތްތަކުން ސުވާލު އެބަ އާދޭ ގުނިގުނިހެއް މި އިތުރުވާ ސަބަބު. ހުރިހާ ބޭފުޅުން ވެސް ހަނދުމަ ހުންނާނެ، އިލެކްޝަންސް ކޮމިޝަނުން ނުހަނު ކަންބޮޑުވެގެން އުޅުނު ކަމެއް މިއީ އިންތިހާބު އިއުލާން ކުރިފަހުން ކުއްލިއަކަށް ގާނޫނަށް އައި ބަދަލު، ބާތިލު ވޯޓު ކަނޑައެޅުމުގައި މި ކަމުގެ ސަބަބުން އަސަރުކޮށްގެން އެބަދޭ،" އަކްރަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާތިލު ވޯޓު އެންމެ ގިނައީ މާމިގިލީ ދާއިރާގައެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ ގޮތުގައި ކަނޑައެޅި 190 ވޯޓެއް އަލުން ގުމުން، ބައެއް ވޯޓުތައް ސައްހަ ވޯޓުގެ ގޮތުގައި ކަނޑައެޅުމުން ބާތިލު ވޯޓުގެ އަދަދު ވަނީ 81 ތިރިވެފައެވެ.

އެ މައްސަލައާ ގުޅިގެން އަކްރަމް ވިދާޅުވީ ސައްހަ ވޯޓުތަކެއް ކަމަށް ސާފުކޮށް އެނގެން ހުރި ވޯޓުތަކެއް ބާތިލު ވޯޓުތަކެއްގެ ގޮތުގައި މާމިގިލީގައި ކަނޑައަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބާތިލު ވޯޓުތައް ކަނޑައެޅި ތިން ފޮށީ ވެރިންނާމެދު ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި ފިޔަވަޅު އެޅުމުގެ ކުރިން އެބޭފުޅުންނާ ސުވާލުކޮށް ކަންހިނގި ގޮތް އޮޅުން ފިލުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް