ކ. މާލެ
|
11 އޭޕްރިލް 2019 | ބުރާސްފަތި 11:05
އަލްބޭނިއާ ޓިރާނާގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު
އަލްބޭނިއާ ޓިރާނާގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރު
ބީބީސީ
ފްލައިޓަކުން ވައްކަން ކުރުން
ފުރަން ތައްޔާރުވެފައި އޮތް އަލްބޭނިއާގައި ފްލައިޓަކުން 11 މިލިއަން ޑޮލަރު ވަގަށް ނަގައިފި
ވަގަށް ނެގީ ބޭރަށް ގެންދަން ހުރި ބޭންކުތަކުގެ ފައިސާތަކެއް
ފުލުހުންނާ އެކު ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި ވަގުންގެ އެކަކު ވަނީ މަރުވެފައި

އަލްބޭނިއާގެ ވެރިރަށް ޓިރާނާގެ އެއާޕޯޓެއްގައި ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓަކުން 11 މިލިއަން ޑޮލަރު ވަގަށް ނަގައިފިއެވެ. ވަގަށް ނަގާފައި ވަނީ އޮސްޓްރިއަން އެއަރލައިންސްގެ ފްލައިޓަކުންނެވެ.

އަލްބޭނިއާގައި ހުންނަ ބޭރު ގައުމުތަކުގެ ބޭންކްތަކުން، އޮސްޓްރިއާއަށް ފައިސާ ގެންދަން ހަމަޖައްސާފައި އޮތް ފްލައިޓް މަދާ ޓެރީސާ އެއާޕޯޓުގައި އޮއްވާ އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓުން ވައްކަން ކޮށްފައި ވަނީ ހުދު ކުލައިގެ ވޭނެއްގައި ތިބި މީހުންނެވެ. އެވޭން އެއާޕޯޓުގެ ރަންވޭ މައްޗަށް އެރީ ކުއްލި ހާލަތްތަކުގައި ބޭނުން ކުރަން ހަދާފައިވާ ދޮރަކުންނެވެ.

އަލްބޭނިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެވައްކަން ކުރީ މޫނު ފޮރުވައިގެން، ބަޑި ހިފައިގެން ތިބި ތިން މީހުންނެވެ. އަދި އެ މީހުން ވަނީ ގާޑުންނަށް ބިރު ދެއްކުމަށް ފަހު، ބޯޓުގެ ކާގޯ ހުންނަ ތަން ހުޅުވައި، ފައިސާތައް ފޭރިގަނެފައެވެ.

ވަގުންތައް އެއާޕޯޓު ސަރަހައްދުން ނުދެވެނީސް ފުލުހުން އެ މީހުން ހުއްޓުވާ ބަދަލުކުރި ބަޑީގެ ހަމަލާތަކުގައި، ވައްކަމުގައި ބައިވެރިވި އެކަކު ވަނީ މަރުވެފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުން ވަނީ ފިލާފައެވެ. ވަގުން ބޭނުންކުރި ވޭނު ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަލްބޭނިޔާގެ ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ފައިސާތަކަށް ވީނުވީއެއް ފުލުހުން ބުނެފައެވެ ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް