Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 21:04
ނާކާމިޔާބުވެވަޑައިގެންނެވި އަބްދުއްރަހީމާއި ޝުޖާއު
ނާކާމިޔާބުވެވަޑައިގެންނެވި އަބްދުއްރަހީމާއި ޝުޖާއު
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް 2019
ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލު ވޯޓު އަލުން ގުނަން ނިންމައިފި
އަބްދުއްރަހީމަށް ނާކާމިޔާބުވެވަޑައިގެންނެވީ 44 ވޯޓުގެ ފަރަގުން
ޝުޖާ ނާކާމިޔާބުވެވަޑައިގެންނެވީ 42 ވޯޓުން

ފޮނަދޫ ދާއިރާ އާއި ބާރަށު ދާއިރާގެ ބާތިލު ވޯޓުތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

ފޮނަދޫ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުއްރަހީމް އަބްދުﷲ އާއި ބާރަށު ދާއިރާގެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އިބްރާހިމް ޝުޖާއު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ދެ ދާއިރާގެ ބާތިލު ވޯޓު އަލުން ގުނުމަށް އީސީން ނިންމީ ބުދަ ދުވަހުގެ ހަވީރުއެވެ.

ގާނޫނީ ވަކީލު މޫސާ ސިރާޖާ ވާދަކޮށް، އަބްދުއްރަހީމް ނާކާމިޔާބުވެވަޑައިގެންނެވި 44 ވޯޓުގެ ފަރަގަކުންނެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 46 އެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަހުމަދު އަބްދުﷲއާ ވާދަކޮށް، ޝުޖާއު ނާކާމިޔާބުވެވަޑައިގެންނެވީ 42 ވޯޓުގެ ފަރަގަކުންނެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 64 އެވެ.

އިނގުރައިދޫ ދާއިރާގެ ގޮނޑި ދިފާއު ނުކުރެވި، އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އިބްރާހިމް ފަލާހު އެ ދާއިރާގެ ވޯޓުތައް އަލުން ގުނުމަށް ހުށަހެޅުއްވި ނަމަވެސް، އީސީން ނިންމާފައި ވަނީ އެ ދާއިރާގެ ވޯޓު އަލުން ނުގުނުމަށެވެ. އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހުމަދު (ހަސަންޓޭ)އާ ވާދަކޮށް، ފަލާހު ނާކާމިޔާވުވެވަޑައިގެންނެވީ 89 ވޯޓުގެ ފަރަގަކުންނެވެ. އެ ދާއިރާގެ ބާތިލު ވޯޓުގެ އަދަދަކީ 66 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކާށިދޫ ދާއިރާ އާއި ވިލުފުށީ ދާއިރާގެ ވޯޓުތައް އަލުން ގުނުމަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ދާއިރާގެ ވޯޓުތައް ގުނުމާމެދު އިލެކްޝަންސް ކޮމިޝަނުން އަދި ގޮތެއް ނުނިންމަފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓަށް ވުރެ، މިފަހަރުގެ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދު ވަނީ 35 ޕަސެންޓް ވަނީ އިތުރުވެފައެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބުގައި ބާތިލު ވޯޓުގެ ގޮތުގައި ޖުމްލަ 4،837 ވޯޓު ލާފައިވެއެވެ. ރިޔާސީ އިންތިހާބުގެ ބާތިލު ވޯޓުގެ އަދަދަކީ 3,132 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް