Advertisement
ކ. މާލެ
|
10 އޭޕްރިލް 2019 | ބުދަ 16:41
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓު ގުނަނީ
ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ވޯޓު ގުނަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019
ބާތިލް ވޯޓު އަލުން ގުނުމުން ވެސް ގާސިމާއި އާދަމް ޝަރީފަށް ގޮނޑި ކަށަވަރު ވެއްޖެ
ދެ ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ވަނީ ބޮޑުވެފައި

އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން މަޖިލީހުގެ އިންތިޚާބުގެ މާމިގިލީ ދާއިރާ އާއި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓް އަލުން ގުނުމުން މާމިގިލީ ގޮނޑިއަށް ވާދަކުރެއްވި އެ ދާއިރާގެ މިހާރުގެ މެމްބަރު ގާސިމް އިބްރާހިމް އާއި މަޑުއްވަރީ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ލިބިވަޑައިގެންނެވި ވޯޓް އިތުރުވެ، ގޮނޑި ކަށަވަރު ވެއްޖެއެވެ.

އިންތިޚާބާއި ބެހޭ މަރުކަޒުގައި ބުދަ ދުވަހު ގުނާފައި ވަނީ މާމިގިލީ ދާއިރާގެ އެއް ފޮށީގެ ބާތިލް ވޯޓާއި މަޑުއްވަރީ ދާއިރާގެ ތިން ފޮއްޓެއްގެ ބާތިލް ވޯޓެވެ. ބުދަ ދުވަހު އަލުން ގުނި މާމިގިލީ ދާއިރާގެ އދ. ފެންފުށީގައި ބެހެއްޓި ވޯޓު ފޮށިން ކުރިން ބާތިލްވެފައި ވަނީ 42 ވޯޓެވެ. އެ ފޮށީގެ ބާތިލް ވޯޓު އަލުން ގުނުމުން ނަތީޖާއަށް ވަނީ ބަދަލު އައިސްފައެވެ. ފެންފޮށީ ފޮށިން ބާތިލް ވޯޓް އަލުން ގުނިއިރު އެމްޑީޕީގެ ކެންޑިޑޭޓު އަލީ އަމީޒަށް 11 ވޯޓު އިތުރުވިއިރު، ގާސިމަށް 18 ވޯޓް އިތުރުވި އެވެ. އެހެންކަމުން ވޯޓުފޮށިތަކުގެ ނަތީޖާއާއި އެ ނަތީޖާ އަޅާ ބަލާއިރު އަމީޒާއި ގާސިމްގެ ވޯޓުގެ ފަރަގު މިހާރު އުޅެނީ 87 ވޯޓުގެ ތަފާތުގައެވެ. 

މާމިގިލީ ދާއިރާގެ ތިން ވޯޓް ފޮއްޓެއް އަންގާރަ ދުވަހުގެ ރޭގައި ވެސް ވަނީ އަލުން ގުނައިފަ އެވެ. 

މާމިގިލީ ދާއިރާގެ އިތުރުން، މަޑުއްވަރީ ދާއިރާގެ ހަތަރު ވޯޓު ފޮއްޓެއްގެ ވެސް ބާތިލް ވޯޓު ބުދަ ދުވަހު ވަނީ ގުނައިފަ އެވެ. އެ ދާއިރާއަށް ޕީއެންސީ ވާދަ ކުރެއްވި ކެންޑިޑޭޓް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރި ހޯއްދެވީ އެ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމާއި ވާދަކޮށް 17 ވޯޓުގެ ތަފާތުންނެވެ. ނަމަވެސް އަލުން ބާތިލް ވޯޓް ގުނުމުން އާދަމް ޝަރީފަށް އަށް ވޯޓް އިތުރުވެ، ވޯޓްގެ ފަރަގު 26 އަށް ވަނީ އަރައިފަ އެވެ. 

ބުދަ ދުވަހު ހަވީރު މާވަށު ދާއިރާގެ ވޯޓް ފޮއްޓެއް އަލުން ގުނުމަށް ވަނީ ނިންމައިފަ އެވެ. އެ ދާއިރާއަށް ޕީއެންސީން ވާދަކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޑީޕީގެ އިބްރާހިމް ފަލާހުގެ ވޯޓްގެ ފަރަގު ކުޑަވުމުންނާއި ބާތިލު ވޯޓު ގިނަވުމުގެ ސަބަބުން އެ ދާއިރާގެ ތިން ފޮއްޓެއް އަންގާރަ ދުވަހު ވެސް ގުނިއެވެ. މިހާރު އެ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ފަސް ވޯޓްގެ ތަފާތުން ކުރީގައި އުޅުއްވަނީ ސައީދެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް