ޔުއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ޓޮޓެންހަމް ހޮޓްސްޕާއިން ސެމީފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު ކުއާޓާގެ ފުރަތަމަ ލެގުގައި ޓޮޓެންހަމުން ސިޓީގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތައް ތަނަވަސްކޮށްފައެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ސިޓީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެ ޓީމުގެ އިތުބާރު ފޯވާޑް ސާޖިއޯ އަގުއެރޯ ފޮނުވާލި މި ޕެނަލްޓީ ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އަގުއެރޯ މިސްކުރި ހަތަރު ވަނަ ޕެނަލްޓީއެވެ.
މި ހާފްގައި ސިޓީއަށް ލީޑު ނެގުމަށް ގިނަ ފުރުސަތުތައް ލިބުނެވެ. ނަމަވެސް ޓޮޓެންހަމުން ވަނީ ސިޓީގެ ހަމަލާތައް ދިފާއުކޮށް ބައިކޮޅަށް ލަނޑެއް ވަނެނުދީ ފުރަތަމަ ހާފް ނިންމާލާފައެވެ.
Heung-Min Son
— UEFA Champions League (@ChampionsLeague) April 9, 2019
3rd April 2019
Scores Tottenham's first goal in their new stadium
9th April 2019
Scores Tottenham's first #UCL goal in their new stadium pic.twitter.com/2amXbzR542
ދެވަނަ ހާފް ފެށިގެން ޓޮޓެންހަމުން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއިރު، ލަނޑު ޖެހުމަށް ވެސް ފުރުސަތުތަކެއް ހޯދިއެވެ. އެގޮތުން 78 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކްރިސްޓިއަން އެރިކްސަންގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ސޮންއެވެ.
ސިޓީ އަދި ޓޮޓެންހަމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ސިޓީ ދަނޑުގައެވެ. ސެމީގެ ޖާގަ ހޯދަން މި މެޗު ދެ ލަނޑުގެ ތަފާތުން ސިޓީން ކާމިޔާބުކުރަންޖެހޭނެއެވެ.
ސިޓީ އަދި ޓޮޓެންހަމް ބައްދަލުކުރާ ދެވަނަ ލެގުން މޮޅުވާ ޓީމެއް ސެމީގައި ބައްދަލުކުރަންޖެހޭނީ ޔުވަންޓަސް ނުވަތަ އަޔަކްސްއާއެވެ.