ކ. މާލެ
|
11 އޭޕްރިލް 2019 | ބުރާސްފަތި 11:17
ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް ކޮށީގެ ތެރޭގައި
ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް ކޮށީގެ ތެރޭގައި
ނޭޝަނަލް ޖިއޮގްރަފިކް
ރަޝީޔާގައި ބަންދުކޮށްގެން ގެންގުޅުނު ބޮޑުމަސްތައް
ބަންދުކޮށްފައިވާ ބޮޑު މަސްތައް ދޫކޮށްލާ އެއްބަސްވުމެއްގައި ރަޝީޔާ އިން ސޮއިކޮށްފި
ބޮޑުމަސްތައް ދޫކޮށްލަން ނިންމާފައި ވަނީ ގުދުރަތީ މާހައުލަށް އަލުން އަހުލުވެރި ކުރުވުމަށް ފަހު

ރަަޝީޔާ އިން ބަންދުކޮށްގެން ގެންގުޅުނު ސަތޭކައަށް ވުރެ ގިނަ ބޮޑުމަސް ދޫކޮށްލަން ބައިނަލްއަގްވާމީ ސައިންސްވެރިންގެ ގްރޫޕަކާ އެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ރަޝިޔާގެ އިރުމަތީ ސަރަހައްދުގެ ކަނޑުގައި ހަދާފައިވާ ކޮށިތަކެއްގައި ގެންގުޅުނު ބޮޑުމަސްތަކުގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ލީކުވުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ރަޝިޔާގެ ކުންފުންޏަކުން އައްޑިހަ ހަތް ބެލޫގާ ވޭލް އާއި ދިހަ އޯކާ (ކިލަރ ވޭލް) ބަންދުކޮށްގެން ގެންގުޅުނީ ޗައިނާގެ މެރިން ޕާކްތަކަށާއި އެކުއޭރިއަމްތަކަށް ވިއްކާލުމުގެ ނިޔަތުގައެވެ.

މި ބޮޑުމަސްތައް ދޫކޮށްލަން ގޮވާލާ ޕެޓީޝަނެއްގައި 1.5 މިލިއަން މީހުން ސޮއިކޮށްފައިވާ އިރު، މި މަސައްކަތުގައި އެއްމެ އިސްކޮށް އުޅުނީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއޮނަރޑޯ ޑި ކާޕްރިއޯއެވެ. އޭނާގެ އިތުރުން އެކްޓްރެސް ޕަމެލާ އެންޑަރސަން ވެސް ވަނީ ބޮޑުމަސްތައް ދޫކޮށްލަން ގޮވާލައި ރަޝިޔާގެ ރައީސް ވްލަޑަމިރް ޕޫޓިންއަށް "އޯޕަން" ސިޓީއެއް ވެސް ފޮނުވާފައެވެ.

ބައިބަޔަށް ބަހާލައިގެން ދޫކޮށްލަން ނިންމި ބޮޑުމަސްތަކުގެ އެއްބަސްވުމުގައި ރަޝިޔާގެ ސައިންޓިސްޓުންނާ އެކު ސޮއިކުރި ބައިނަލްއަގްވާމީ ސައިންޓިސްޓުންގެ ތެރޭގައި ފަރަންސޭސްވިލާތުގެ ކަނޑުގެ ދިރުންތަކާ ބެހޭ މާހިރު ޖަކް ކޫސްޓޯގެ ދަރި ޖޯން-މިޝެލް ކޫސްޓޯ ވެސް ހިމެނެއެވެ.

މި ބޮޑުމަސްތައް ދޫކޮށްލުމުގެ ކުރިން އެ ސޮރުމެންގެ ގުދުރަތީ މާހައުލައް އަލުން އަހުލުވުމުގެ ގޮތުން ރީހެބިލިޓޭޝަން ދޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ. ރަޝިޔާގައި ބޮޑުމަސް ހިފަން ހުއްދަ އޮންނަނީ ހަމައެކަނި ތައުލީމީ ނުވަތަ ސައިންސްގެ ބޭނުންތަކަށް ވަކި ހާއްސަ ހާލަތްތަކެއް ތެރޭގައެވެ.

 

- ކޮމެންޓް