ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ރައީސް މައުމޫން ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ވާހަކަތައް ދޮގުކޮށް، އެ މަނިކުފާނާއި އެމްއާރްއެމްއިން ވެސް އިންތިހާބުގެ ނަތީޖާ ބަލައިގަންނަ ކަމަށް އެމްއާރްއެމްއިން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ރޭ އެމްއާރްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް މައުމޫން ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުތަކާ ސެންޓްރަލް ހޮޓެލުގައި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި އިންތިހާބާ ދޭތެރޭ ޝައްކު އުފައްދަވާފައެއް ނުވާނެ ކަމަށެވެ. އަދި މީޑިއާތަކުން އެ ވާހަކަތައް ރިޕޯޓް ކޮށްފައިވަނީ ރައީސް މައުމޫން ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭ ގޮތަށް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.
MRM in majilis inthikhaab ge natheejaa balaigannameve. Adhi mirey candidate adhi Campaign Team thakaa l bahdhalu kurevvi iru ekamah shakku ufahdhavaafaeh nuve eve. Baeh media thakun Raees Maumoon ge vaahaka fulhu maana olhey gothah genes dheefaivaathee ekan kuhveri kurameve.
— Maldives Reform Movement (MRM) (@MRM_Office) April 9, 2019
މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ރައީސް މައުމޫން އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ވިދާޅުވެފައިވާ ކަަމަށެވެ. ނަމަވެސް އެ ބައްދަލުވުމަށް ހާޒިރުވި ބައެއް ފަރާތްތަކުން ވެސް ވަނީ އެ މޭރުމުން ރައީސް މައުމޫން ވާހަކަފުޅު ނުދައްކަވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ބުނެފައެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާ އެކު ވާދަކުރެއްވި ބޭފުޅުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވުނީ އެއްމެ މެމްބަރަކަށެވެ. އެގޮތުން ގޮނޑި ކާމިޔާބު ކުރެއްވީ ނިލަންދޫ ދާއިރާއަށް ވާދަކުރެއްވި އަބްދުލް މުހުސިން ހަމީދް (ޖޭފޯ) އެކަންޏެވެ.