Advertisement
ކ. މާލެ
|
9 އޭޕްރިލް 2019 | އަންގާރަ 16:12
މަޖިލިސް އިންތިހާބު އޮބްޒާވް ކުރި ކޮމަންވެލްތު ޓީމްގެ ޗެއާ، ޖެމެއިކާގެ ކުރީގެ ބޮޑު ވަޒީރު ބްރޫސް ގޯލްޑިންގ
މަޖިލިސް އިންތިހާބު އޮބްޒާވް ކުރި ކޮމަންވެލްތު ޓީމްގެ ޗެއާ، ޖެމެއިކާގެ ކުރީގެ ބޮޑު ވަޒީރު ބްރޫސް ގޯލްޑިންގ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019
މަޖިލިސް އިންތިހާބުގެ ކަންކަން ދިޔަ ގޮތާ މެދު ވަރަށް އިމްޕްރެސްވެއްޖެ: ކޮމަންވެލްތު
ކޮމަންވެލްތު ޓީމަކުން ރާއްޖޭގެ އިންތިހާބެއް އެންމެ ފަހުން އޮބްޒާވް ކޮށްފައިވަނީ، 2014 ވަނަ އަހަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ، 2016 ވަނަ އަހަރު، ރާއްޖެ ކޮމަންވެލްތުން ވަކި ކުރުމަށް ނިންމާފައި
އަލުން ކޮމަންވެލްތާއި ގުޅުމަށް މިހާރުގެ ސަރުކާރުން ނިންމާފައިވާއިރު، އެ ޖަމިއްޔާ ގޮތެއް ނިންމާނީ އަންނަ އަހަރު

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަން ދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް އިންތިހާބު އޮބްޒާވްކުރި ކޮމަންވެލްތުގެ ޓީމުން ބުނެފިއެވެ.

އަންގާރަ ދުވަހު މީޑިއާއާ ބައްދަލުކޮށް، އެ ޓީމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި، ޖެމެއިކާގެ ކުރީގެ ބޮޑު ވަޒީރު ބްރޫސް ގޯލްޑިން ވަނީ އިންތިހާބުގައި ވޯޓްލުން ކުރިއަށް ދިޔައީ ސުލްހެވެރިކަމާއި އަމާންކަމާ އެކު ކަން ފާހަގަ ކުރައްވާ، ދިވެހި ރައްޔިތުންނަށް ތައުރީފް ކުރައްވާފައެވެ.

މިއީ އަނެއްކާވެސް ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަ ކުރުމަށް ރައްޔިތުން އެޅި ފިޔަވަޅެއް ކަމަށާއި، ރައްޔިތުންގެ އުއްމީދުތައް ފުއްދުމަށް ހޮވިފައިވާ ލީޑަރުންނަށް އެ މަނިކުފާނު ބާރު އެޅުއްވިއެވެ.

މި ޓީމްއިން ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިޝާ ސޮކްޓްލޭންޑަށް ފޮނުވާނެއެވެ. 2016 ވަނަ އަހަރު ރާއްޖެއިން ކޮމަންވެލްތުން ވަކިވުމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ އިރު، އަލުން އެ ޖަމިއްޔާއާ ގުޅުމަކީ މިހާރުގެ ސަރުކާރުގެ ވައުދެކެވެ. އަދި އެކަމާ މެދު ގޮތެއް ނިންމުމަށް ސެކްރެޓަރީ ޖެނެރަލް މި ރިޕޯޓަށްވެސް ބައްލަވާނެކަމަށް ގޯލްޑިން ވިދާޅުވިއެވެ.

އެހެންކަމުން ޓީމުން ރާއްޖޭގެ އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ވަރަށް ސީރިއަސް ކަމާއެކު ކުރިއަށް ގެންދިޔަކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މައިގަނޑު ގޮތެއްގައި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް އިންތިޒާމް ކުރެވިފައިވާކަން ފާހަގަކޮށް، ގޯލްޑިން އާއި ޓީމް ވަނީ އިލެކްޝަން ކޮމިޝަނަށް މަރުހަބާ ކިޔާފައެވެ.

އިންތިޚާބުގައި 386 ފަރާތަކުން ވާދަކޮށްފައިވާކަން ފާހަގަ ކުރައްވާ ގޯލްޑިން ވަނީ ވާދަ ކުރެއްވި އަންހެނުންގެ އަދަދު މަދުކަން ފާހަގަ ކުރައްވާފައެވެ. 35 އަންހެން ކެންޑިޑޭޓުން ހިމެނުނު އިރު، ކޮމަންވެލްތު އޮބްޒާވާސް ޓީމުން ވަނީ އަންހެނުން ބާރުވެރި ކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް މަޖިލީހަށާއި ސިޔާސީ ޕާޓީތަކަށް ގޮވާލާފައެވެ.

ނަމަވެސް، އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވި އޮފިޝަލުންގެ ތެރޭގައި ގިނައީ އަންހެނުންކަން އެ ޓީމުން ފާހަގަ ކުރިއެވެ.

ކޮމަންވެލްތު ޓީމަކުން ރާއްޖޭގެ އިންތިހާބެއް އެންމެ ފަހުން އޮބްޒާވް ކޮށްފައިވަނީ، 2014 ވަނަ އަހަރުގެ ރައްޔިތުން މަޖިލިސް އިންތިހާބެވެ. އަދި ކުރީގެ ކޮމަންވެލްތު އޮބްޒާވަރުން ފާހަގަ ކުރައްވާފައިވާ ބައެއް މައްސަލަތަކުގެ ވާހަކަތައް އަދިވެސް އިވެމުންދާ ކަމަށާއި، އެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ ފިޔަވަޅުތައް ފައިނަލް ރިޕޯޓްގައި ހިމަނާނެކަމަށް ވެސް ގޯލްޑިންގ ވިދާޅުވިއެވެ. އޭގެ ތެރޭގައި ވޯޓް ގަތުމާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ކެމްޕޭންގެ ފައިނޭންސިންގ ބެލެހެއްޓޭނެ ރަނގަޅު ފްރޭމްވޯކެއް ނެތުން ހިމެނެއެވެ.

ކޮމަންވެލްތުގެ ޓީމް ރާއްޖެ އައިސްފައިވަނީ މާޗް 30 ގައެވެ. އަދި އިންތިހާބުގެ ކުރިން ގިނަ ފަރާތްތަކަކާއެކު ބައްދަލުކޮށްފައިވާ އިރު، އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މިނިވަން މުއައްސަސާތައް ވަރުގަދަ ކުރުމާއި ވެރިކަމުގެ ނިޒާމް އިސްލާހު ކުރުން ހިމެނެއެވެ.

މަޖިލިސް އިންތިހާބުގައި ކޮމަންވެލްތު އޮބަޒާވާސް ޓީމުން ހަރަކާތްތެރިވީ ހއ، ހދ، ކ، ލ، ތ އަތޮޅުތަކާއި މާލެ އަދި އައްޑޫ ސިޓީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް