Advertisement
ކ. މާލެ
|
8 އޭޕްރިލް 2019 | ހޯމަ 20:54
ނެއްލައިދޫ ފެނެކަ އޮފީސް ކައިރީގައި ރައްޔިތުން އިހުތިޖާޖު ކުރަނީ
ނެއްލައިދޫ ފެނެކަ އޮފީސް ކައިރީގައި ރައްޔިތުން އިހުތިޖާޖު ކުރަނީ
މުހައްމަދު ޝަރުހާން
ނެއްލައިދޫގެ ކަރަންޓްގެ މައްސަލަ
ކަރަންޓުގެ މައްސަލާގައި ނެއްލައިދޫގެ ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފި
ނެއްލައިދޫގެ ކަރަންޓްގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އަންގާރަދުވަހު ޓެކްނިކަލް ޓީމެއް އެރަށައް ދާނެ
ޖަނަރޭޓަރުތައް ސާރވިސް ނުކުރާތާ 15 އަހަރު ވެފައިވޭ

ހދ. ނެއްލައިދޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގައި މުޒާހަރާކުރަމުން ދަނިކޮށް އެ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެންގުމުން މުޒާހަރާ ހުއްޓާލާފައި ވާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނައިބުރައީސް މުހައްމަދު އިލްހާމް ވިދާޅުވީ މުޒާހަރާ ހުއްޓާލީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ރަށުގެ ކައުންސިލަށް ގުޅުއްވާ ކަރަންޓްގެ މައްސަލަ ހައްލު ކޮށްދެއްވުމަށް އަންގާރަ ދުވަހު ޓެކްނިކަލް ޓީމެއް ފޮނުއްވާނެ ކަމަށް ވިދާޅުވުމުން ކަމަށާއި އަދި ރައްޔިތުން އެދޭ ގޮތަށް އެކަން ހައްލުވެގެން ދާނެ ކަމަށް ވެސް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.

އިލްހާމް ވިދާޅުވީ ހޯމަ ދުވަހުގެ ހެނދުނު ދިހައެއްޖަހާކަންހާއިރު ފެށި މި އިހްތިޖާޖު ކުރަމުން ދިޔައީ ފެނަކަ އޮފީސް ސަރަހައްދުގައި ކަމަށާއި އިހްތިޖާޖުގައި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ކަމަށެވެ.

ނެއްލައިދޫއަށް ކަރަންޓްގެ މައްސަލަ ދިމާވަމުން ދަނީ ޖަނަރޭޓަރުތައް ސާރވިސް ނުކޮށް ހުރުމުގެ ސަބަބުން ކަމަށާއި ޖަނަރޭޓަރުތައް ސާރވިސް ނުކުރާތާ 15 ވަރަކަށް އަހަރު ވެފައިވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ނެއްލައިދޫގައި ހުންނަނީ 160 ކިލޯ ވޯޓްގެ 2 ޖަނަރޭޓަރާއި 120 ކީލޯ ވޯޓްގެ ޖަނަރޭޓަރު ކަމަށެވެ.

އެ ޖަނަރޭޓަރުތަކުން މުޅި ރަށައް ބޭނުންވާ ކަރަންޓް ފޯރުކޮށް ނުދެވުމުގެ އިތުރުން އަޅާފައިވާ ކަރަންޓް ކޭބަލް ހިމަވުމުގެ ސަބަބުންވެސް  ޚާއްސަގޮތެއްގައި އިންޖީނުގެއާ ދުރު ގޭގެއަށް ކަރަންޓް ލިބުމުގައި ވެސް ބޮޑަތި ދަތިތަކެއް ކުރިމަތި ވަމުން ދާކަމަށެވެ.

ފާއިތުވެގެން މިދިޔަ ދެ މަސް ދުވަހު ކަރަންޓްގެ މައްސަލަ ވަކިން ބޮޑަށް ދިމާވަމުން ދާކަން ފާހަގަ ކުރައްވާ އިލްހާމް ވިދާޅުވީ ކަރަންޓް ދެމުން ގެންދަނީ ފަހަރަކު މަގަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގޭބިސީތަކުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހަލާކުވަމުން ދާ ކަމަށެވެ.

މިހާރު ވެސް ސްކޫލާއި ސިއްހީ މަރުކަޒު ފަދަ މުހިންމު ތަންތަނުގައި ކަރަންޓް ނެތް ކަމަށާއި ދަރިވަރުންނަށް ކިޔަވައިދެނީ ކުލާހުން ބޭރުގައި ސްކޫލު ގޯތިތެރޭގައި ކަމަށެވެ.

ރައްޔިތުން ޑިމާންޑްކުރަމުންދަނީ ކަރަންޓް މައްސަލަ ހައްލުވާނެ ތާރީހެއް ހޯދުމަށް ކަމަށާއި ފެނަކަ އޮފީހުގެ ސަރަހައްދީ ވެރިންނާއި މައި އޮފީހުގެ ވެރިންނާ ވެސް ވާހަކަދައްކަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިމައްސަލާގައި ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ނެއްލައިދޫ ބުރާންޗުގައި ހުރި  160 ކިލޯ ވޯޓްގެ 2 ޖަނަރޭޓަރާއި 120 ކީލޯ ވޯޓްގެ ޖަނަރޭޓަރުން އެރަށައް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދަނިކޮށް މަދުބަޔަކު އިންޖީނުގެ ކޮންޓްރޯލް ރޫމްގެ ދޮރުފަތް ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިން ޖެނަރޭޓަރު ނިއްވާލާ ފެނަކައިގެ މުވައްޒަފުންނަށް ބިރުދައްކާ އެމީހުންނަށް ނުނުކުމެވޭނެހެން ދޮރު ބަންދު ކުރި ކަމަށެވެ.

އިތުރަށް މި ބަޔާނުގައި ބުނެފައި ވަނީ އެރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހުސްވި މާރިޗު މަހުގެ ފަހުކޮޅު ވެސް 120 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސް އިންސްޓޯލް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހުރި ޖަނަރޭޓަރުތައް އޯވަހޯލް ކުރުމަށް ބޭނުޔްވާ ސްޕެއާރތައް ފޮނުވާފައިވާ ކަމަށާއި ފެށޭ ހަފްތާގެ ތޭރެގައި މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމުން ހޫނުވެ ޓެމްޕަރޭޗަރ މަތިވެ، ދޭތެރެ ދޭތެރެއިން އެރަށުން ކަރަންޓް ކެނޑެމުން ދާކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ފެނަކައިގެ ބަޔާނުގައި މިހެން ބުނެފައި ވީނަމަވެސް އިލްހާމް ވިދާޅުވީ އެހުރިހާ ވާހަކަ ތަކަކީ ދޮގުވާހަކަތަކެއް ކަމަށެވެ.

އިތުރަށް އިލްހާމް ވިދާޅުވީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި ކަރަންޓްގެ މައްސަލާގައި އަޑުއުފުލުމަށް އިންތިހާބުގެ ކުރިންވެސް މަސައްކަތްކުރިން ކަމަށާއި ނަމަވެސް އިންތިހާބަށް ހިޔަނި އެޅިދާނެތީ ފަސްކުރީ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް