މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޑޭވިޑް ޑެހެއާގެ ބަދަލުގައި ރެއާލް މެޑްރިޑުން ޗެލްސީއަށް ކުޅެމުން އަންނަ ކެޕާ ގެންނަން މަސައްކަތް ކުރާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލުން އަންނަނީ ކީޕަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރެއާލުން ފުރަތަމަ މަސައްކަތް ކުރީ މީގެ ކުރިން ވެސް އެޓީމުން ހޯދަން މަސައްކަތް ކުރަމުން އައި ޑެހެއާ ގެންނާށެވެ.
ނަމަވެސް ޔުނައިޓެޑުގެ އެއްބާރުލުން އެކަމަށް ނުލިބުމުން، ރެއާލުން މިހާރު މަސައްކަތް ކުރަނީ ކެޕާ ހޯދަން ކަމަށާއި، އެކަމަށް ކުރަން ޖެހޭ އެންމެ ފަހުގެ ކަންކަން ރެއާލުން ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ކެޕާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްތައް އައީ ބުނަމުންނެވެ.
އުމުރުން 24 އަހަރުގެ ކެޕާ އެތުލެޓިކް ބިލްބާއޯ ދޫކޮށް ޗެލްސީއަށް ބަދަލުވީ 72 މިލިއަން ޕައުންޑަށް މި ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް ޗެލްސީއަށް 44 މެޗު ކުޅެދީފައެވެ.
ކެޕާ ވަނީ ސްޕެއިން ގައުމީ ޓީމަށް މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ 2012 ވަނަ އަހަރު ސްޕެއިންގެ 19 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފައެވެ.